ޚަބަރު

އިސްލާމިކް މިނިސްޓްރީއަށް އާ ޕީއެސްއަކު އައްޔަންކޮށްފި

އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް)ގެ މަގާމަށް ބޭފުޅަކު އައްޔަންކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ޕީއެސް އަކަށް އައްޔަން ކުރެއްވީ އަބްދުލް ހަސީބު އިސްމާއިލެވެ.

އިސްލާމިކް މިނިސްޓްރީއަށް އާ ޕީއެސްއަކު އައްޔަންކޮށްފައި މިވަނީ، އެމަގާމަށް ކުރިން އައްޔަން ކުރެއްވި މުސްއަބް އަބްދުﷲ މިދިޔަ ސެޕްޓެމްބަރު މަހު އެ މަގާމުން ވަކިކުރުމުން އެ މަގާމު ހުސްވެފައިވާތީއެވެ.

މުސްއަބް ސަސްޕެންޑު ކުރީ ސިވިލް ސާވިސް ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން، ފަސް ފަހަރަށް ސަސްޕެންޝަންގެ މުއްދަތު އިތުރު ކުރުމަށްފަހުއެވެ.

ހަސީބަކީ އިންޑިއާގެ ގާޑަން ސިޓީ ކޮލެޖުން ބެޗެލާސް އޮފް ކޮމާސް (އެކައުންޓިން) ފުރިހަމަކުރައްވާފައިވާ އަދި ވިލާ ކޮލެޖުން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

ހަސީބަކީ ތަފާތު އެތައް މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން ނޭޝަނަލް ސެކިއުރިޓީ ސާވިސަސްގެ އެކައުންޓްސް އެސިސްޓަންޓް ކަމާއި މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަންގެ އެސިސްޓަންޓް އެކައުންޓްސް އޮފިސަރުކަމާއި ކުރިމިނަލް ކޯޓުގެ ހެޑް އޮފް ބަޖެޓް އެންޑް ފައިނޭންސް ސެކްޝަންގެ އެސިސްޓަންޓް މެނޭޖަރު ކަމާއި ފިނޭންސް މިނިސްޓްރީގެ ޕަބްލިކް އެކައުންޓްސް އެގްޒެކެޓިވްގެ މަގާމު ވެސް ފުރުއްވިއެވެ.

އެންމެ ފަހުން ހަސީބު އަދާ ކުރައްވާފައިވަނީ އިސްލާމިކް މިނިސްޓްރީގެ ފައިނޭންސް ސެކްޝަންގެ ޑިރެކްޓަރުގެ މަގާމެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، ހަސީބަކީ އެ މިނިސްޓްރީގެ ޕީއެސް ކަމަށް ތައުލީމާއި ތަޖުރިބާގެ ގޮތުން ވަރަށް ގާބިލު އަދި ހުނަރުވެރި ބޭފުޅެއް ކަމާމެދު ޝައްކެތް ނެތް ކަމަށެވެ. އަދި މިނިސްޓްރީގެ ހިންގުން ހަސީބުއާއެކު އާ ހަރުފަތަކަށް ގެންގޮސް ހަރުދަނާ ކުރެއްވުމަށް ރަނގަޅު މަސައްކަތްތަކެއް ކުރައްވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.