ޚަބަރު

މިނިސްޓަރު ޝާހިދު އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްއާ ބައްދަލުކުރައްވައިފި

މުހައްމަދު ޝަހީމް

މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ސެކްރެޓަރީ ޖެނެރަލް ޑރ. ޔޫސުފް ބިން އަހްމަދު އަލް އުތައިމީންއާ ސައޫދީ އަރަބިއްޔާގެ ޖިއްދާގައި ހުންނަ އެ ޖަމާއަތުގެ މައި އިދާރާގައި މިއަދު ބައްދަލުކުރައްވައިފިއެވެ.

ހާރިޖީ ވަޒީރު ޝާހިދު ސައޫދީ އަރަބިއްޔާއަށް ވަޑައިގެންފައިވަނީ އޯއައިސީގެ ރަންޔޫބީލް ފާހަގަކުރުމަށް ބާއްވާ ހަރަކާތްތައް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ. މިއަދު ބޭއްވި ބައްދަލުވުމުގައި ދެބޭފުޅުން ދެއްކެވި ވާހަކައިގައި އޯއައިސީގެ ހަރަކާތްތަކާއި މަޝްވަރާތަކުގައި ދިވެހިރާއްޖޭގެ ބައިވެރިވުން އިތުރުކުރުމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި އޯއައިސީގެ ސެކްރެޓަރީ ޖެނެރަލް ޑރ. އުތައިމީން ވަނީ ދިވެހިރާއްޖެއިން ޖިއްދާގައި ކޮންސިއުލޭޓެއް ހުޅުވަން ނިންމާފައިވާތީ އެކަމަށް މަރުހަބާ ވިދާޅުވެފައެވެ.

މިނިސްޓަރު ޝާހިދު ވަނީ މިއަދު އޯއައިސީ ވިމެން ޑިވެލޮޕްމަންޓް އޯގަނައިޒޭޝަންގެ ސްޓެޓިއުޓްގައި ސޮއިކުރައްވައިފައެވެ. އޯއައިސީ ވިމެން ޑިވެލޮޕްމަންޓް އޯގަނައިޒޭޝަނަކީ އޯއައިސީގެ މެމްބަރު ގައުމުތަކުގައި އަންހެނުން ބާރުވެރިކޮށް، އެކި ކަންކަމުގައި އަންހެނުންގެ ރޯލު އިތުރަށް ފުޅާކުރުމަށް އޯއައިސީގެ ދަށުން ހިންގާ ޖަމިއްޔާއެކެވެ. މި ޖަމިއްޔާގެ އުސޫލުތަކާއި މަގުސަދުތަކަށް ރިއާޔަތްކޮށް، ޖަމިއްޔާގެ މެމްބަރު ގައުމަކަށް ދިވެހިރާއްޖެވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުއެވެ.

އޯއައިސީއަކީ ދިވެހިރާއްޖެއިން އެންމެ ހަރަކާތްތެރިކޮށް ބައިވެރިވާ ބައިނަލްއަގުވާމީ އެއް ޖަމިއްޔާއެވެ. މިއަހަރުގެ މާޗް މަހު ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އަބޫދާބީގައި ބޭއްވި އޯއައިސީ ކައުންސިލް އޮފް މިނިސްޓާސްގެ 46 ވަނަ ބައްދަލުވުމުގައި ހާރިޖީ ވަޒީރު ޝާހިދު ބައިވެރިވެވަޑައިގެންފައިވާ އިރު، މާތްވެގެންވާ މައްކާގައި މިއަހަރުގެ މެއި މަހު ބޭއްވި 14 ވަނަ އިސްލާމިކް ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަތެވެ.

ދިވެހިރާއްޖެއިން އޯއައިސީގެ މެމްބަރަކަށް ވީ 1976 ވަނަ އަހަރު ރައީސް އިބްރާހިމް ނާސިރު ރާއްޖޭގެ ވެރިކަމުގައި ހުންނެވިއިރުއެވެ.