ރާއްޖޭގެ ދާހިލީ ވަޒީރު އަބްދުﷲ ޝާހިދު ފިންލެންޑަށް ދަތުރުފުޅެއް ކުރެއްވުމަށް ނިންމަވާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ، މިނިސްޓަރު ފިންލެންޑަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އެގައުމަށް ވަޑައިގަންނަވާނީ އަންނަ ބުރާސްފަތި އަދި ހުކުރު ދުވަހު ކަމަށެވެ. މި ދަތުރުފުޅުގައި ފިންލެންޑުގެ ދާހިލީ ވަޒީރު ޕެކާ ހާވިސްޓޯ އަދި ތައުލީމީ ވަޒީރު ލީ އެންޑަސަންއާ ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.
އޭގެ އިތުރުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމުގެ މަޝްވަރާތައް ކުރެއްވުމަށް ހަމަޖެހިފައިވާއިރު، ރާއްޖެ އާއި ފިންލޭންޑާދެމެދު ވައިގެ ދަތުރުތައް ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި ބައްދަލުވުންތައް ކުރިއަށް ގެންދެވުމުގައި އިސްކޮށް ހުންނަވާނީ ފިންލެންޑުގެ ދާހިލީ ވަޒީރު ޕެކާ ހާވިސްޓޯއެވެ.
ފިންލެންޑުން ރާއްޖެ ބަލައިގެންފައިވަނީ އޮކްޓޯބަރު 15، 1965 ގައެވެ. އަދި ދެ ގައުމުގެ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރީ އޭގެ 19 އަހަރު ފަހުން، އޮގަސްޓް 10، 1984 ގައެވެ.