ޚަބަރު

ސެޓްލްމެންޓް ކޮމިޓީން ނިންމައިގެން ދީބާޖާ އަށް 174 މިލިއަން ދޫކުރަން ރައީސް ނިންމަވައިފި

އިބްރާހިމް ޒަކީ

ދީބާޖާ އިންވެސްޓްމަންޓަށް ބަދަލުގެ ގޮތުގައި ދޭން، ދައުލަތުގެ މައްޗަށް ހުކުމް ކޮށްފައިވާ ފައިސާގެ ތެރެއިން، ސެޓްލްމެންޓް ކޮމިޓީން ނިންމައިގެން 174 މިލިއަން ރުފިޔާ ދޫކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވަނީ މިއަދު އެކަން "ވަން އޮންލައިން" އަށް ކަށަވަރު ކޮށްދެއްވައިފައެވެ.

ހޫދު ވިދާޅުވީ އެއީ ކޯޓުން ބޭރުގައި މައްސަލަތައް ހައްލު ކުރުމަށް ލަފާ ދިނުމަށް އުފައްދާފައިވާ، ސެޓްލްމަންޓް ކޮމިޓީން ދިރާސާ ކުރުމަށްފު، އެކަށީގެންވާ އަދަދެއް ކަމަށް ކޮމިޓީއަށް ފެނިގެން ރައީސުލް ޖުމްހޫރިއްޔާ ހުށަހަޅުއްވައިގެން އެމަނިކުފާނު ނިންމެވި ނިންމެވުމަށް ކަމަށެވެ.

އެ މައްސަލައިގައި ދީބާޖާއެކު ކޮންމެސް ވަރަކަށް ނެގޯޝިއޭޓް ކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ހޫދު ވިދާޅުވީ 174 މިލިއަން ރުފިޔާ ދީބާޖާ އަށް ދޫކުރަން ރައީސް ނިންމެވި ނަމަވެސް އެއްވެސް އެމައުންޓެއް އަދި ދޫކޮށްފައި ނުވާ ކަމަށެވެ. އަދި އެ ފައިސާ ޕޭ ކުރުުގެ މަރުހަލާ އަކީ ފަހު މަރުހަލާއެއް ކަމަށާއި އެކަމަށް ޓާމްސްތަކެއް އަންނަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

"ޓާމްސްތަކެއް އެއަށް އަންނަން ޖެހޭނެ، ކިހިނެއްތޯ ޕޭ ކުރާނީ، އިންސްޓޯލް މަންޓުންތޯ، އެއްފަހަރުންތޯ، ދެފަހަރުންތޯ، އެއައްވުރެ ގިނަ ފަހަރުންތޯ،" ހޫދު ވިދާޅުވިއެވެ.

އުތުރު ޕްރޮވިންސްގައި ފެރީގެ ހިދުމަތް ދިނުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރު ދީބާޖާއާ އެކު ހެދި އެއްބަސްވުން 2013 ވަނަ އަހަރު ސަރުކާރުން ބާތިލްކުރި މައްސަލާގައި ދީބާޖާއަށް 348 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ކޮށްފައިވާ ހުކުމް މިއަހަރު ސުޕްރީމް ކޯޓުން ވަނީ ދަމަހައްޓައިފަ އެވެ.