ޚަބަރު

ޔާމީން ރަޝީދުގެ މަރުގެ މައްސަލަ: 3 ހެކިން ހެކިބަސްދޭން ދެކޮޅު ހަދައިފި، ހުކުމް އިއްވުން ޖެނުއަރީ 30 ގަ

ބްލޮގަރު ޔާމިން ރަޝީދު މަރައިލި މައްސަލައިގައި ދައުވާކުރާ މީހުންގެ މައްޗަށް ކުށް ސާބިތު ކުރުމަށް ދައުލަތުން ހުށައެޅި ތިން ސިއްރު ހެކިން ހެކިބަސްދޭން ދެކޮޅު ހަދައިފިއެވެ.

ކުރިމިނަލް ކޯޓުގައި މިއަދު ކުރިއަށްދިޔަ، ޔާމީގެ މަރުގެ މައްސަލައިގެ ޗަރީއަތުގެ އަދު އެހުމުގަިއ މިއަދު އޮތީ އެ މައްސަލައިގައި ދައުލަތުން ދައުވާ ކުރާ ފަރާތްތަކުގެ މައްްޗަށް ކުށް ސާބިތު ކުރުމަށް ހުށަހެޅު ތިން ހެތްކެއްގެ ހެކިބަސް ނެގުމެވެ.

ނަމަވެސް މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލް ވިދާޅުވީ، އެ ތިން އެމީހުން ހެކިބަސް ދިނުމަށް ދެކޮޅު ހަދާތީ އެމީހުންގެ ހެކިބަސް ނަގަން މިހާރު ބޭނުންނުވާ ކަމަށެވެ.

މި މައްސަލައިގައި މީގެ ކުރިންވެސް ދައުލަތުން ހުށަހެޅި ސިއްރު ދެ ހެކިން ވަނީ ހެކިބަސް ދިނުމަށް ދެކޮޅު ހަދައިފައެވެ.

މިއަދުގެ ޝަރީއަރުގެ މަޖިލީހުގައި ދައުލަތުން ހުށަހެޅި ދެ ސީން އޮފް ކްރައިމް ރިޕޯޓު ތައްޔާރު ކުރި ފުލުހުންގެ ސީން އޮފް ކްރަައިމް އޮފިސަރުންގެ ރިޕޯޓު ވަނީ ނަގައިފައެވެ.

މިއަދުގެ ނިޔަލަށް ދައުލަތުގެ ފަރާތުން ނަގަންޖެހޭ ހެކިބަސް ނަގާ ނިމިފައިވާތީ، ކުރިއަށް އޮތް ތަނުގައި ދިފާއީ ހެކިންގެ ހެކިބަސް ނަގާނެ ގޮތްތަކެއް ކުރިމިނަލް ކޯޓުގެ ގާޒީ އަލީ ރަޝީދު މިއަދު ވަނީ ހަމަޖައްސަވައިފައެވެ.

އެގޮތުން އަންނަ މަހުގައި ފެށޭ ކޯޓުގެ ރިސެސްގެ މުއްދަތުގެ ތެރޭގައި ވެސް އެ މައްސަލައިގެ އަޑުއެހުންތައް ބާއްވައި، ދިފާއީ ހެކިބަސް ނަގާނެ ކަމަށް ގާޒީ ވިދާޅުވި އެވެ. އެކަމަށް ތިން އަޑުއެހުމެއް ބާއްވާނެ ކަމަށާއި އެއަށްފަހު، ޖެނުއަރީ މަހުގެ ކުރީކޮޅު ބާއްވާ އަޑުއެހުމުގައި ކިތާބީ ހެކިތަކާ ބެހޭގޮތުން ދެ ފަރާތުން ވެސް ވާހަކަ ދެއްކުން އޮންނާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.

ގާޒީ ވިދާޅުވީ އަންނަ ޖެނުއަރީ 15 ގައި މައްސަލައިގެ ހުލާސާ ބަޔާން ހުށަހެޅުމުގެ އަޑުއެހުން އޮންނާނެއެވެ.

އަދި ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު އެ މައްސަލައިގެ ހުކުމް އިއްވާނެ ކަމަށް ވެސް ގާޒީ އަލީ ރަޝީދު ވިދާޅުވިއެވެ.

ގައި ޔާމީން ރަޝީދު އޭނާ ދިރިއުޅުނު ގޭގެ ސިޑި ގޮޅި ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ މަގައިލީ 2017 ވަނަ އަހަރުުގެ އޭޕްރީލް މަހުގައެވެ.

ޔާމީން މަރާލި މައްސަލާގައި ދައުލަތުން ދައުވާ ކުރަނީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. ކުދެހިގޭ ހަސަން ޝިފާޒްގެ އިތުރުން މ. ތާއިފް އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދުގެ މައްޗަށެވެ.