ހުޅުމާލޭ ގެސްޓް ހައުސްއެއްގައި ބަނގުރާ ބޭނުންކޮށް ޕާޓީ ކުރަމުން ދަނިކޮށް ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖެހި ނުވަ މީހުންގެ ތެރެއިން ފިލްމީ ތަރި މަލީހާ ވަހީދު (މަލް) އާއި އިތުރު ތިން މީހަކު ދޫކޮށްލައިފިއެވެ.
މިދިޔަ ހަފްތާގެ އަންގާރަ ދުވަހު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަލްއާއެ 12 މީހުން ހައްޔަރުކުރިއެވެ. އަދި ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކޮށް އެ އެންމެންނަށް ވެސް ބަންދުގެ މުއްދަތު ޖެހިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "ވަން" އަށް ވިދާޅުވީ އެ މައްސަލައިގައި ހައްޔަރުކޮށް، ބަންދުގެ މުއްދަތު ޖެހި މީހުންގެ ތެރެއިން، ހަތަރު ދުވަހަށް މުއްދަތު ޖެހި ހަތަރު މީހުން ދޫކޮށްލާފައިވާ ކަމަށެވެ. އެމީހުން ދޫކޮށްލީ ބަންދުގެ މުއްދަތު ހަމަވެގެން ކަމަށް ވެސް ފުލުހުން ބުންޏެވެ.
ނަމަވެސް އެކަމާ ގުޅިގެން އިތުރު މައުލޫމާތެއް ފުލުހުން ނުދެއެވެ.
ހައްޔަރުކުރި 12 މީހުންގެ ތެރެއިން ހަތަރު ދުވަހުގެ މުއްދަތެއް ޖެހީ 29، 30، 29 އަހަރުގެ ފިރިހެނުންނަށާއި މަލް އަށެވެ. އެ މައްސަލާގައި ދެން ހައްޔަރުކުރި ފަސް މީހަކަށް، އަށް ދުވަހުގެ ބަންދުގެ މުއްދަތެއް ޖެހިއިރު، ތިން މީހަކު ވަނީ ޝަރުތުކޮށް ދޫކޮށްލައިފައެވެ.
ބަނގުރަލާއެކު މަލް ހައްޔަރުކުރިއިރު މީގެ ކުރިން ވެސް މަސްތުވާތަކެތީގެ މައްސަލައެއްގައި އޭނާ ހައްޔަރު ކޮށްފައިވެ އެވެ. އެ މައްސަލާގައި މިހާރު އޭނާއަށް ވަނީ ދައުވާތަކެއް ވެސް ކޮށްފައެވެ.
އެފަހަރު މަލް ހައްޔަރުކުރީ މާލެއިން ފުރައިގެން މާމިގިއްޔަށް ދަތުރުކުރި ލޯންޗަކުން މަސްތުވާތަކެތި ގެންދާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން، މިދިޔަ އޮގަސްޓް މަހުގެ 27 ވަނަ ދުވަހު، އދ. މާމިގިލިންނެވެ.
މަލްގެ މައްޗަށް ދައުވާ ކޮށްފައިވަނީ، މާމިގިލިން ހައްޔަރުކޮށް ފާސްކުރިކުރުމުގައި އޭނާ ގެންގުޅު ދަބަހުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ޖޫސްޕެޓީ ކޮތަޅަކާއި ޕެކެޓެއް ފެނުމުންނެވެ.