މިދިޔަ ހޮނިހިރު ދުވަހު އެންސިސް ފިޝަރީޒުން ހުޅުމާލޭގައި ކުރިއަށްގެންދިޔަ އޯޕަންޑޭ ހަރަކާތުގައި 400 ވަރަކަށް މީހުން ވަޒީފާއަށް އެދި ހުށަހެޅި ކަމަށާއި، އަދިވެސް ވަޒީފާއަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެންސިސް ފިޝަރީޒްގެ ސޭލްސް އެންޑް މާކެޓިންގެ އެސިސްޓެންޓް މެނޭޖަރު އަހުމަދު އަބްދުއްރަހީމް މައުލޫމާތު ދެއްވި ގޮތުގައި 700 އެއްހާ މީހުން އެ ކުންފުނީގެ އޯޕަންޑޭ ހަރަކާތުގައި ބައިވެރިވެފައިވެއެވެ. އޭގެ ތެރެއިން 400 އާއި ގާތް ކުރާ މިންވަރަކަށް މީހުން ވަޒީފާގެ ފުރުސަތުތަކަށް އެދިފައިވާ ކަމަށް އަހުމަދު އަބްދުއްރަހީމް މައުލޫމާތު ދެއްވި އެވެ.
އަހުމަދު އަބްދުއްރަހީމް ވިދާޅުވީ އަދިވެސް އެ ކުންފުނީގެ ފެކްޓްރީގައި މަސައްކަތް ކުރުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން އެ ކުންފުނީގައި މަސައްކަތް ކުރަން ބޭނުން ފަރާތްތަކުން [email protected] އަށް ސީވީ ފޮނުވުމަށް އަހުމަދު އަބްދުއްރަހީމް އެދިފައި ވެއެވެ.
އެންސިސްގެ މިހަރަކާތުގައި ހާއްސަ އިނާމު ތަކަކާއެކު ލަކީ ޑްރޯއެއް ނަގާފައިވެއެވެ. މި ލަކީ ޑްރޯގެ ހުރިހާ އިނާމްތައް ވެސް ލިބިފައިވަނީ އަންހެނުންނަށް ކަމަށް އެކުންފުނިން މައުލޫމާތު ދެއެވެ. ނަމަވެސް އިނާމް ލިބުނު މީހުންގެ އިތުރު މައުލޫމާތު އެ ކުންފުނިން ހިއްސާކޮށްފައެއް ނުވެއެވެ. އެ ކުންފުނިން ލަކީ ޑްރޯގެ އިނާމުގެ ގޮތުގައި ދީފައިވަނީ ތިންވަނަ އިނާމެއްގެ ގޮތުން އެންޒީ ގިފްޓް ޕެކެއް، ދެ ވަނަ އިނާމުގެ ގޮތުގައި ސަފާރީ ބޯޓެއްގައި އާއިލާއާ އެކު ރޭގަނޑު ކެއުމެއް އަދި އެއްވަނަ އިނާމުގެ ގޮތުގައި ދެމީހަކަށް ކޮލަމްބޯ ދެކޮޅު ޓިކެޓެވެ.
އޯޕަންޑޭ ހަރަކާތުގެ ތެރެއިން އެ ކުންފުނިން އަލަށް ހެދި ފެކްޓްރީގެ ޓުއާއެއް އެދުވަހު ފެކްޓްރީއަށް ޒިޔާރަތް ކުރި މީހުންނަށް ދީފައިވާނެ ކަމަށް އެންސިސް ކުންފުނިން މައުލޫމާތު ދެއެވެ. އަދި ހަވީރު ކުޑަކުދިންނަށް ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމުގެ އިތުރުން މުޅި ދުވަހުވެސް އެ ކުންފުނިން ލިބެން ހުރި ވަޒީފާތަކާއި ވަޒީފާތަކުގެ މައުލޫމާތު އާންމުންނާ ހިއްސާކޮށްފައިވާނެ ކަމަށް އެންސިސް އިން މައުލޫމާތު ދެއެވެ.
އެންސިސް ފިޝަރީޒް އަކީ އެންސިސް ކޮމްޕެނީގެ ދަށުން ހިންގާ ކުންފުންޏެކެވެ. އެ ކުންފުންޏަކީ ރާއްޖެއިން މަސް އެކްސްޕޯޓު ކުރާ ކުންފުންޏެކެވެ. އޭގެ އިތުރުން މަހުގެ އެކި ބާވަތްތައް ރާއްޖޭގެ މާކެޓަށް ބޭނުންވާ ގޮތްގޮތަށް އުފައްދައި އެ ކުންފުނީގެ ދަށުން ހިންގާ އެންޒީ ފިހާރަތަކުގައި ވިއްކަމުންދެ އެވެ. އެންސިސްގެ ކޭނިން ފެކްޓަރީ ހުޅުވަން ނިންމާފައި ވަނީ މި އަހަރުގެ މަސްވެރިންގެ ދުވަސް ކަމަށްވާ އަނަން ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ.