މެންބަރު އީވާ އަބްދުﷲ

މަޖިލީހުން އެއޮތީ ބޭނުންހާ ގާނޫނެއް ހަދައިދީފަ، ކުށްވެރިންނާމެދު ސަރުކާރުން ފިޔަވަޅު އަޅަންޖެހޭ: އީވާ

އިބްރާހިމް ޒަކީ

5

ރައްޔިތުންގެ މަޖިލީހުން އޮތީ ބޭނުންހާ ގާނޫނެއް ހަދައިދީފައި ކަމަށާއި ކުށްވެރިންނާމެދު ސަރުކާރުން ފިޔަވަޅު އަޅަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބުދުﷲ ވިދާޅުވެއްޖެއެވެ.

އުމުން 13 އަހަރުގެ އަންހެން ކުއްޖަކު ޖިންސީ ޝިކާރައަކަށް ހެދި މައްސަލައާ ގުޅިގެން، އެފަދަ ޖަރީމާތައް ހިންގާ ފަރާތްތަކާމެދު ވަގުތުން ވަގުތައް ފިޔަވަޅު އެޅުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ، ވޭތުވެދިޔަ ހަފްތާ ބަންދު ދިވެހި ރައްޔިތުން ނިންމައިލީ ބިރުވެރި ކަމާއެކުގައި ކަމަށެވެ.

މިދިޔަ ހަފްތާގައި އުފެދުނު ކަންބޮޑުންތަކުގެ ތެރެއިން ށ. މާއުނގޫދޫއަށް ބަޔަކު އަރައި ބައެއް ފާރުތަކުގައި އައިއެސްގެ ލޯގޯ ސުޕްރޭކުރި މައްސަލަ އާއި، އުފެދުނު ދެބަސް ވުމެއްގެ ތެރެއިން ޒަހަމް ކޮށްލުމަށްފަހު މީހަކު މޫދަށް އެއްލައިލުމާއި، ކައިވެނި ކޮށްގެން ކަމަށްބުނެ 13 އަހަރުގެ އަންހެން ކުއްޖަކު ޖިންސީ ޝިކާރައަކަށް ހެދި މައްސަލަ އާއި ފިރިހެނެއް ގޮތަށް ހެދުންއަޅާ އަންހެނެއް އުޅޭތީ މެރާކީ ކޮފީ ރޯސްޓާސައަށް ދިން ގެއްލުމަކީ އިންތިޒާމު ކޮށްގެން، ގުޅިގެން ކުރިއަށް ގެންދިޔަ ކަންތައްތަކެއްކަން މަރުގެ ރިޕޯޓްތައް ކިޔާލުމުން އެނގޭ ކަމަށެވެ.

އެއީ އަނދިރި ދައުލަތް ކަމަށާއި އެކަން ހުއްޓުވަންޖެހޭ ކަމަށްވެސް ވިދާާޅުވިއެވެ.

އަދި ކައިވެނިކޮށްގެން ކަމަަށްބުނެ 13 އަހަރުގެ އަންހެން ކުއްޖާ ޖިންސީ ޝިކާރައަކަށް ހެދުމުގައި ބައިވެރިވި މީހުންނާއި، އެ ކުއްޖާ ޖާރިއާއަކަަށް ހެދުމަށް ދޫކޮށްލި، އެ ކުއްޖާގެ މައިން ބަފައިން ގެ ކަންތައް ބަަލަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އަނދިރި ދައުލަތް މި ކިޔަނީ 13 އަހަރު 9 އަހަރު 8 އަހަރު ކުދިންނާ ކައިވެނި ކޮށްގެންނޭ ކިޔައިގެން އެކުދިންނާ ޖިންސީ ގޯނާކުރުމަށް، އަޅުގަނޑުމެން އަނދިރި ދައުލަތް މިކިޔަނީ ބައިނަލް އަގުވާމީ މިންގަނޑުތަކަށް ނުފެތޭ ސްކޫލްތަކެކޭ ކިޔައިގެން ކުދިން ވައްދައިގެން އެތަންތަނަށް ގެންދިއުމަށް ވެކްސިން ނުދީ ދަރިން ގެންގުޅުން، އަޅުގަނޑުމެން އަނދިރި ދައުލަތް މި ކިޔަނީ މިކަންކަމާ ސީރިޔާގެ ހަނގުރާކައަށް މީހުން ފޮނުވުމާއި، ހަމަ ބައިއަތު ނުހިފިއްޔޭ ކިޔައިގެން މީހުން ޒަހަމް ކުރުމާ މަރަމުން ގެންދިއުމާ މި ހުރިހާ ކަމަކަށް،" އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ އެ ފަދަ ކަންކަމުގައި ބައިވެރިވާ އެންމެހާ ފަރާތްތަކާމެދު މިހާރުން މިހާރަށް ސަރުކާރުން ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ. އެފަދަ ކޮންމެ ފިޔަވަޅެއް އެޅުމުގެ ބާރު ސަރުކާރަށް ލިބިގެންވާ ކަމަށާއި ރައްޔިތުންގެ މަޖިލީހުން އޮތީ އެކަމަށް ބޭނުންވާހާ ގާނޫނެއް ހަދައިދީފައި ކަމަށް އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ، ކުށްވެރިންނާމެދު މިހާރުން މިހާރަށް ސަރުކާރުން ފިޔަވަޅު އަޅަންޖެހޭ ކަމަށާއި ނޫންނަމަ ގައުމަށް ބިރުވެރި ހަނގުރާމައެއްގެ ހާލަތު ދިމާވެދާނެ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟