އަންނަ މަހު ނޭޕޭލުގައި ބާއްވާ ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ސްވިމިން ޓީމު ތަމްރީނުތަކަށް އިންޑިއާއަށް ފުރައިފިއެވެ.
އަންނަ މަހު އެއްވަނަ ދުވަހު ފަށާ ސައުތު އޭޝިއަން ގޭމްސްގައި ރާއްޖެއިން ވާދަކުރާ ޓީމު އިތުރު ތަމްރީނުތައް އިންޑިއާއަށް ފުރާފައިވަނީ އިއްޔެއެވެ.
ގޭމްސްގައި ރާއްޖެއިން ވާދަކުރާ ޓީމުގައި ހިމެނެނީ ހަތަރު އަންހެން ފެތުންތެރިންނާއި ހަ ފިރިހެން ފެތުންތެރިންނެވެ. އޭގެ ތެރެއިން އިންޑިއާގައި ކޭމްޕްކުރާނީ މުބާލް އައްޒާމް އިބްރާހީމާއި އާއިޝަތު ސާޖިނާ ފިޔަވައި ދެން ތިބި ފެތުންތެރިންނެވެ. އެ ދެ ފެތުންތެރިންނަކީ އޮލިމްޕިކް ސްކޮލަޝިޕްގެ ދަށުން އޮސްޓްރޭލިއާ އާއި މެލޭޝިއާގައި ފަރިތަކުރުންތައް ފުރިހަމަކުރާ ދެ ފެތުންތެރިންނެވެ.
ޓީމުގެ ކޯޗުންގެ ގޮތުގައި ބައިވެރިވާނީ ގައުމީ ހެޑް ކޯޗު، އިބްރާހީމް މޫސާ އާއި ގައުމީ އެސިސްޓަންޓް ކޯޗު އާދަމް މުހައްމަދެވެ. އަދި މެނޭޖަރެއްގެ ގޮތުގައި ބައިވެރިވާނީ ކުރިން ގައުމީ ރެކޯޑުތައް ގާއިމުކޮށްފައިވާ އޮލިމްޕިކް ފެތުންތެރިޔާ ފާތިމަތު ފާރިހާއެވެ.