ރާއްޖޭގައި ތިބި ސިޔާސީ ލީޑަރުންގެ ތެރެއިން ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީއަށް ގުޑުވާނުލެވޭނެ ހަމައެކަނި ލީޑަރަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ޕީޕީއެމަށް މެމްބަރުން ސޮއިކުރުމަށް ރޭ އެޕާޓީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމްޑީޕީން އެމަނިކުފާނު ދެކެ ލޯބިވަނީ އެ ސަބަބާ ހުރެ ކަމަށާއި ހަމަ ބުއްދި ހުރިހާ ހިނދަކު އެމަނިކުފާނު އެމްޑީޕީއާ ނުގުޅޭނެކަން އެ ޕާޓީގެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.
"އެމްޑީޕީއަކީ ޝައްކެއް ވެސް ނެތް ގޮތުގައި އަޅުގަނޑު ދެކެ ވަރަށް ލޯބިވާ ޕާޓީއެއް. އެއީ ސަބަބެއް ނެތިއެއް ނޫން. ދިވެހިރާއްޖެ އުފެއްދި ކަމަށް މި ބުނާ މީހުން ސިޔާސީ ލީޑަރުން، ކޮބައިތޯ އެމީހުން. ހުރިހާ އެންމެން ނަގޫ ފިތިފަ ތިބީމަ އެންމެން އެ ތިބީ އެމްޑީޕީއާ އެކީގައި. އެހެންވީމާ ކީއްވެގެންތޯ އެމްޑީޕީ އަޅުގަނޑު ދެކެ ލޯބިވަނީ. އެމީހުންނަށް އެނގޭނެ އަޅުގަނޑު ދުވަހަކުވެސް، އަޅުގަނޑު ސަލާމަތް ބުއްދިއެއް ހުރި ކަމަށްވަންޏާ އަޅުގަނޑު އެމްޑީޕީގެ ސަފަކަށް ނުދާނެކަން. ހަމައެކަނި މިހާރު މި ފެންނަ ސިޔާސީ ލީޑަރުންގެ ތެރޭގައި ގުޑުވާނުލެވޭނެ މީހަކަށް ހުންނާނީ އަޅުގަނޑު،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ދައުލަތުން އެމަނިކުފާނުގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ދައުވާއަކީ ސިޔާސީ ދައުވާއެއް ކަމަށާއި އަދުލުވެރިކަމެއް ނެތި ގާނޫނާ ހިލާފަށް ކަންތައް ކުރެވިދާނެ ކަމަށެވެ. އަދި އެންމެ ފުރަތަމަ މައްސަލަ ވަނުމާ ގުޅިގެން އެއްވެސް އަދުލެއް އިންސާފެއް ނެތި ގާނޫނުން ބޭރުން ހައްޔަކުރި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އެ ހައްޔަރުކުރި ސަބަބު ވެސް އެބަ އެނގޭ. އެއީ ރައްޔިތުންގެ މަޖިލިސް އިންތިހާބު ބޯމަތިވެފައި އޮތުމުން. ގިނަ ގޮނޑިތަކެއް ނަގަން ބޭނުންވޭ. އެމީހުންނަށް ވާގިދޭ މީހުންތަކެއް އެބަތިބޭ. އަޅުގަނޑުގެ އެކައުންޓް ފްރީޒްކުރީ. އެކައުންޓުގައި ހުރި ލާރި ހޭދަކުރާނެކަން އެނގޭ. އިންތިހާބަށް ދަތުރުކުރާނެކަން ވެސް އެނގޭ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ ރާއްޖޭގެ ބޮޑު އަޣުލަބިއްޔަތު އޮތީ އެމްޑީޕީއަކު ނޫން ކަމަށާއި އެމްޑީޕީގައި ތިބީ 23،000 މީހުންކަން މިދިޔަ ހުކުރު ދުވަހު ބޭއްވި އެޕާޓީގެ އެތެރޭގެ އިންތިހާބުން ކަށަވަރުވެއްޖެ ކަމަށެވެ. އަދި ކޮންމެ ކަމެއްގައި ވެސް ފެންނަމުން މިދަނީ ވައްކަން ކުރާ ތަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.