ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން (ޖީއެމްއައިޒެޑް)ގެ ބޯޑް މެންބަރުން ކުންފުނި ހިންގުމުގެ ތެރެއަށް ވަންނަން މަސައްކަތް ކުރަމުންދާ ކަމަށާއި އެ ފުރުސަތު ނުދެއްވާނެ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ރަޝީދު (މާމިގިލީ އިބޫ) ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީ "ހަބަރަށްފަހު" ޕްރޮގުރާމުގައި ރޭ ވާހަކަދައްކަވަމުން އިބޫ ވިދާޅުވީ މި މައްސަލަ ފެންމަތިވެގެން އައީ ބޯޑުގެ ޗެއާމަން "ކެބިން"އެއް ހައްދަވަން އުޅުއްވުމުން ހިޔާލު ތަފާތުވެ، ރައީސް އޮފީހުން މިކަމުގެ ތެރެއަށް ވަންނަން ޖެހުމުން ކަމަށެވެ.
"ޗެއާމަން ބޭނުންވީ އޮފީހުގައި ކެބިންއެއް ހައްދަވައިގެން އިށީނދެވަޑައިގެން އިންނެވުމަށް، އެހެންނަމަވެސް އަޅުގަނޑަށް އެނގޭ ކޯޕަރޭޓް ގަވަނަންސްގެ ތެރެއިން ސަރުކާރުގެ ކުންފުނިތައް އޮޕަރޭޓް ކުރާގޮތަށް ބަލާއިރު ޗެއާމަންއަކީ އޮފީހުގައި އިށީނދެވަޑައިގެން އިންނަވާ ބޭފުޅެއް ނޫންކަން. ބޯޑަށް ވަޑައިގެން ބޯޑު މީޓިން ރޫމުގައި އިންނަވާފައި ނުކުމެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ޖެހޭ ބޭފުޅެއް އެއީ. އެންމެ ފަހުން އެކަން ހައްލުކުރަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިންޓަފިއާކޮށްގެން ކެބިން ހެދުމުގެ ކަންތައް ހުއްޓުވައި، އެއީ ވާނެ ކަމެއް ނޫން ކަމަށް ޗެއާމަނަށް އަންގާ ހިސާބަށް އެކަންތައް ދިޔަ،" އޭނާ ވިދާޅުވިއެވެ.
އިބޫ ވިދާޅުވީ ކުންފުނީގެ އެމްޑީގެ ބާރުތައް ނެގުމަށްވެސް ބޯޑުން މަސައްކަތް ކުރި ކަމަށެވެ. މިކަން ކޮށްފައިވަނީ މިދިޔަ މާޗް 29 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށާއި މިކަން ކޮށްފައިވަނީ ބޯޑު މީޓިންއެއް ވެސް ނުބާއްވައި ކަމަށް އިބޫ ވަނީ ވިދާޅުވެފައެވެ. އެ ގޮތުން ބޯޑުގެ ބައެއް މެންބަރުން ސޮއިކުރައްވައި އެރޭ ދަންވަރު ނިންމެވީ މަގާމެއް އުފައްދަވައި އެމްޑީގެ ބާރުތައް އެހެން މީހަކަށް ދޭން ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.
"ބައްލަވާ ދިވެހި ސަރުކާރުގެ މި ހުރި ކުންފުނިތައް. އެހެން ހުރިހާ ކުންފުންޏަކުން ބޭއްވި ބޯޑު މީޓިންގްސް އެއްކޮށްލީމަ ވާވަރަށް މި ކުންފުނިން އެކަނިވެސް ބޯޑު މީޓިންގްސް ބާއްވާ. ބޭނުންވަނީ ހިންގުމުގެ ކޮންމެ ކުޑަކަމެއްގެ ތެރެޔަށްވެސް ބޯޑުން ވަންނަން." އިބޫ ވިދާޅުވިއެވެ.
އިބޫ ވިދާޅުވީ ކޯޕަރޭޓް ގަވަނެންސް އުސޫލުތަކުގެ ބޭރުން އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށާއި ކުރައްވާ ކޮންމެ ކަމެއްވެސް ކުރައްވާފައި ވާނީ އެ ކުރައްވާ ކަމެއް ވަރަށް ރަނގަޅަށް އެނގިވަޑައިގެން ކަމަށެވެ.
އެިބޫ މި މޭމުރުން ވާހަކަދެއްކެވި އިރު، ދާދި ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމެޓީގައި ވަނީ އިބޫ އާއި އެ ކުންފުނީގެ ބޯޑާ ދެމެދު ބޮޑެތި ހިޔާލުތަފާތުވުންތަކެއް ހުރިކަން ފާހަގަވެފަ އެވެ. އަދި ކުންފުނި ހިންގަނީ ހަމަޖެހިފައިވާ އުސޫލުތަކުގެ ބޭރުން ކަމަށް ބޯޑުގެ ޗެއާމަން ވަނީ އެ ކޮމެޓީގައި ވިދާޅުވެފަ އެވެ.