ޚަބަރު

ފުލުހުންނަކީ ގައުމީ ވާޖިބު އަދާކުރުމުގައި ގާނޫނުއަސާސީއަކީ އަތްމަތީ ފޮތްކަމުގައި ދެކޭ، ފަރިތަ ބަޔަކަށް ވާންޖެހޭ: މާރިޔާ

ފުލުހުންނަކީ ގައުމީ ވާޖިބު އަދާކުރުމުގައި ގާނޫނުއަސާސީއަކީ އަތްމަތީ ފޮތް ކަމުގައި ދެކޭ، އެފޮތަށް ފަރިތަ ބައެއް ކަމުގައި ވާންޖެހޭ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ، ސަލްޓަން ޕާކުގައި މިރޭ ބޭއްވި ފުލުހުންގެ ޖޫނިއާ އޮފިސާސް ކޮމާންޑު ކޯސް ފުރިހަމަކުރި ދަރިވަރުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާ ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، ގާނޫނުގެ ބާރު ނަގަހައްޓާ ދެމެހެއްޓުމުގައި ފުލުހުންނަކީ އެހެން އެންމެންނަށްވުރެ މަތީ ދަރަޖައެއްގައި ސުލޫކީ މިންގަނޑު ގެންގުޅެންޖެހޭ ބައެއް ކަމަށެވެ. އަދި ފުލުހުންނަކީ ގައުމީ ވާޖިބު އަދާކުރުމުގައި ގާނޫނުއަސާސީއަކީ އަތްމަތީ ފޮތްކަމުގައި ދެކޭ، ގާނޫނަށް އަހުލުވެރި ފަރިތަ ބައެއް ކަމުގައި ވާންޖެހޭ ކަމަށް ވިދާޅުވިއެވެ.

އެކަމަނާ އިތުރަށް ވަނީ ފުލުހުންނަކީ ވެސް ރައްޔިތުންގެ ހާދިމުންކަން ދަނެގެން، ކޮންމެ މަރުހަލާއެއްގައި ވެސް ރައްޔިތުންނާ ވީހާވެސް ގުޅިގެން މަސައްކަތް ކުރުމަށް ހަނދާން ކޮށްދެއްވައިފައެވެ. އަދި ކުށުގެ ވެށީގައި ހަރަކާތްތެރިވާއިރު ފަރުދީ ހައްގުތަކާއި ޖަމާއަތުގެ ހައްގުތައް ހަމަހަމަ ކުރުމަށް ފުލުހުން ސަމާލުކަން ދޭންޖެހޭނެ ކަމަށާއި އެގޮތުން ކުށްކުރާ މީހާގެ ހައްގުތައް ވެސްވާ ފަދައިން، ޖަމާއަތުގެ އާންމު މަސްލަހަތާއި ހައްގުތަކަށް ވެސް ބަލަންޖެހޭނެ ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ އަހަރު ދުވަހުގެ ތެރޭގައި ދާހިލީ ސުލްހަ މަސަލަސްކަމާއި އަމާންކަން ގާއިމުކުރުމުގައި ފުލުހުންގެ ބުރަ އަދި ހަރުދަނާ މަސައްކަތުން، ހޯދާފައިވާ ބޮޑެތި ކުރިއެރުންތައް ފާހަގަކޮށް، ޑިފެންސް މިނިސްޓަރު ވަނީ އެކަމަށްޓަކައި ދާހިލީ ވަޒީރު އިމްރާން އަބްދުﷲ އަށާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އަދި ޕޮލިސް އޮފިސަރުންނަށް ޝުކުރުއަދާ ކުރައްވައިފައެވެ.