ޚަބަރު

އިޓަލީގެ ކުންފުންޏަކާއެކު ކާށިދޫ އާއި ގާފަރު ކޭބަލް ކާރުން ގުޅާލުމުގެ ދިރާސާ ފަށައިފި

ކ. އަތޮޅު ކާށިދު އާއި ގާފަރާ ކޭބަލް ކާރުގެ ނިޒާމަކުން ގުޅުވާލުމަށް ކުރަންޖެހޭ މަސައްކަތުގެ ދިރާސާ ކުރުމަށް އިޓަލީގެ ކުންފުންޏެއްގެ އިސް ވެރިން ރާއްޖެ ވަޑައިގެންފިއެވެ.

ކާށިދޫ އާއި ގާފަރާ ދެމެދު ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވާލުމަށް ކޭބަލް ކާރުގެ ނިޒާމަކުން ގުޅުވާލުމަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެ ދާއިރާއަށް ވާދަކުރެއްވި އަދި އެ ދާއިރާގެ މިހާރުގެ މެންބަރު އަބްދުﷲ ޖާބިރު ވެވަޑައިގެންނެވި ވައުދެކެވެ. އެކަމަށް ގިނަ ބަޔަކު އޭނާއަށް މަލާމާތް ރައްދު ކުރި ނަމަވެސް ޖާބިރު ވިދާޅުވަމުން ގެންދެވީ އެއީ ޖޯކެއް ނޫން ކަމަށެވެ.

ޑީއާރުޕީން މިއަދު ކުރި ޓުވީޓެއްގައި ބުނީ، ގާފަރާއި ކާށިދޫ ކޭބަލް ކާރުން ގުޅާލުމުގެ މަސައްކަތުގެ ދިރާސާ ކުރުމަށް އިޓަލީގެ އެންމެ ބޮޑު އެއް އިންޖިނިއަރިން ކުންފުނި، ސިންޓެކްނިކާ އިންޖިނިއަރިންގެ ރައީސް ލޫކާ އާއި އެސޯސިއޭޓް މާކަސް އެ ދެރަށަށް ވަޑައިގެންފައިވާ ކަމަށެވެ.

އިޓަލީގެ ސިންޓެކްނިކާ ކުންފުންޏަކީ އިމާރާތް ކުރުމުގެ އިތުރުން ކެމިކަލް، ޖިއޯތާމަލް، ޕަވާ ޖެނަރޭޝަންގެ އިތުރުން ތެލާއި ގޭސް ފަދަ މާކެޓްތަކުގައި ވެސް ހަރަކާތްތެރިވާ ކުންފުންޏެކެވެ.

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ ލީޑަރުކަން ވެސް ކުރައްވާ ޖާބިރު ކާށިދޫ ދާއިރާއާމެދު ގެންގުޅުއްވާ ތަސައްވަރަކީ 30،000 މީހުންގެ އާބާދީގެ ސިޓީއެއްގެ ގޮތުގައި އެ ދާއިރާ ތަރައްގީ ކުރެއްވުމެވެ. އެގޮތުން ކާށިދޫ އަކީ ރާއްޖޭގައި އެންމެ ފުރަތަމަ ޕުލޭން ކުރެވިގެން ތަރައްގީ ކުރެވޭނެ ރަށް ކަމަށާއި އެރަށަކީ އިގްތިސާދީ މައި ހަބަކަށް ހަދަން ބޭނުންފުޅުވާ ކަމަށް ޖާބިރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

އެގޮތުން އެރަށުން 10 ވަރަކަށް ބިން ގަނެ އަމިއްލަ ކޮށްފައިވާއިރު، ކާށިދޫން ގަނެފައިވާ 15،000 އަކަފޫޓުގެ ބިމެއްގައި ރާއްޖޭގައި ގާއިމް ކުރެވޭނެ އެންމެ ބޮޑު އަދި އެންމެ ޒަމާނީ ހޮސްޕިޓަލު އެޅުމަށް ޖާބިރު ވަނީ ނިންމައިފައެވެ. ދިހަ ބުރީގެ އެ ހޮސްޕިޓަލުގައި ފަރުވާ ދެއްވާނީ ޔޫރަޕްގެ ގައުމުތަކުން އެންމެ ގާބިލް ޑޮކްޓަރުން ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

އޭގެ އިތުރުން ކާށިދޫގައި އެއާޕޯޓެއް އެޅުމަކީ ވެސް ޖާބިރުގެ ތަސައްވަރަކެވެ. އެކަމަށް ފައިސާ ވެސް އަމިއްލަ ހަރަދުގައި ހަމަޖައްސަވާފައިވާ ކަމަށް ޖާބިރު މީގެ ކުރިން ވިދާޅުވިއިރު، އެއާޕޯޓު އެޅުމުގެ ހުއްދަ ލިބުމާއެކު 18 މަސް ދުވަސް ތެރޭގައި އެ އެއާޕޯޓް އަޅައި ނިންމައިދޭނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

ކާށިދޫއާމެދު ޖާބިރު ކުރައްވާ ތަސައްވަރުގައި ދެން ހިމެނެނީ ހޮޓެލް ސުކޫލަކާއި ގެސްޓް ހައުސްތަކާއި ރީހެބިލިޓޭޝަން ސެންޓަރަކާއި ޖާބިރު ޔުނިވާސިޓީގެ އިތުރުން ރިއަލް އެސްޓޭޓް ސަރަހައްދަކާއި ޓުއަރިސްޓް މެރީނާ ހިމެނެއެވެ. އަދި ކާށިދޫ ފަޅު ތެރޭގައި ޓޫރިސްޓް ރިސޯޓަކާއި ހޮލިޑޭ އައިލެންޑެއް ތަރައްގީ ކުރުމަކީ ވެސް ޖާބިރުގެ އުންމީދެކެވެ.