ރައީސް ޔާމީން

މިހާރު މިއޮތް އިލެކްޝަންސް ކޮމިޝަނުން ކޮންމެ މީހެއްގެ މެމްބާޝިޕް ފޯމު ވެސް ވަގަށް ނަގާފާނެ: ޔާމީން

މިހާރު އޮތް އިލެކްޝަންސް ކޮމިޝަނުން ކޮންމެ މީހެއްގެ މެމްބާޝިޕް ފޯމު ވެސް ވަގަށް ނަގާފާނެ ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީޕީއެމަށް މެމްބަރުން ސޮއިކުރުމަށް މިރޭ އެޕާޓީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ކުޑަދުވަސްކޮޅެއްގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުން ޕީޕީއެމް އިން އެކަނިވެސް 7500 މީހުން އެހެން ޕާޓީތަކަށް ބަދަލުކޮށްފައިވާ ކަމަށާއި އިލެކްޝަންސްގައި މިހާރު ތިބި މީހުން އެކަން ކުރާނެ ކަމަށެވެ.

"މިހާރު އޮތް އިލެކްޝަންސް ކޮމިޝަން އޮވެގެން ކޮންމެ މީހެއްގެ ފޯމަކީ ވެސް ވަގަށް ނަގާނެ ފޯމެއް. އަޅުގަނޑުމެން ޕީއެންސީ ހަދަން އުޅުނު އިރު، ހާދަ ތުރާތަކެއް އަޅުގަނޑުމެން އުފުލީމޭ. މިރޭ ޕީޕީއެމްއާ ގުޅުނު މީހުން ފާރަވެރިވާތި ފޯމު އޮތީ ކޮންތާކުތޯ. އަޅުގަނޑުމެންގެ ޕާޓީން އެކަނި އެހެން ޕާޓީއަކަށް 7500 މީހުން މިދިޔަ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ކަހާލައިފި. އިލެކްޝަންސްގައި މިހާރު އެ ތިބި މީހުން ތިބިއްޔާ އެކަން ކުރާނެ. އެކަމުން ވެސް ވައްކަން. އެހެންނޫންތޯ ވާނީ، މަންމަގެ ފައްޓަރުބައި ވަގަށް ނަގާށޭ ބުނާ މީހަކު އެތާ އިމާމަކަށް އެހުރީ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ޕީއެންސީ އުފައްދަން އުޅުނު އިރު، ކޮންމެ ފޯމެއްގައި ސޮއިކުރާ މީހާއާއި އޭނާގެ ހެކިންނާ އިލްކެޝަންސް އިން ގުޅައި ސުވާލުކޮށްފައިވާ ކަމަށާއި ނަމަވެސް މިހާރު އެ އުސޫލު އުވާލާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ޕީއެންސީ ހަދަން އުޅުނު އިރު، ކޮންމެ ފޯމެއްގައި ސޮއިކުރާ މީހާ އާއި އަދި އޭގެ ހެކިންނާއި އެންމެންނާ އިލެކްޝަންސް ކޮމިޝަނުން ސުވާލު ކުރި. ފޯނުކޮށްފައި މި އަހަނީ ޕީއެންސީއަށް ވަނިންތޯ. ހެކިން ކައިރީ ވެސް އެހި. އެހާ ބުރަކޮށް، އެހާ ޒިންމާދާރު މަސްއޫލިއްޔަތެއް އޭރު އުފުއްލެވި. އެކަމަކު ހަމަ އެ ދުވަސްކޮޅުގެ ތެރޭގައި އެމްޓީޑީއާއި ދެން އުފެދުނު ޕާޓީތައް އުފެދިގެން ދިޔަ އިރު، ސުވާލުތަކެއް ނުކުރޭ، ފޯނެއް ނުކުރޭ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުން ވެސް އިލެކްޝަންސް ކޮމިޝަނުން ކުރީ ވައްކަން ކަމަށާއި ކުރިއަށްއޮތް ތަނުގައި ވެސް އެ ކޮމިޝަނުން ކުރާނީ ވައްކަން ކަމަށެވެ.