ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ކޮންމެ ފަދަ ކަމެއްވެސް ކުރައްވާފާނެ ކަމަށް ދިވެހިރައްޔިތުން ގަބޫލުކުރާ ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ މިރޭ ޕީޕީއެމް އޮފީހުގައި "މަވެސް ޕީޕީއެމް"ގެ ނަމުގައި ޕީޕީއެމްއަށް މެންބަރުން އިތުރު ކުރުމުގެ ގޮތުން ބޭއްވި ރައްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ރައީސް ޔާމީންގެ ޝަރީއަތާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ކުރީގެ ރައީސް، ހަސަން ލުތުފީ ވެސް އެންމެ ފަހު ވަގުތު ހެކިބަސް ނުދޭން ނިންމީ އެ މައްސަލައިގައި ހެކިން ހާޒިރު ކުރާ ހިސާބުން ކަމަށާއި ޖަލަށްލާނެ ކަމުގެ އިންޒާރުދީ، ހޯމް މިނިސްޓަރު އިމްރާން ބިރުދައްކާފައިވާ ކަމަށް ލުތުފީ ވިދާޅުވެފައިވާ ކަމަށެވެ.
"އަޅުގަނޑަކަށް އޭގެ ހަގީގަތެއް ނޭނގޭނެ. އިމްރާނެއް އެއެއް ދޮގެއް ނުކުރޭ. އިމްރާން އުފެއްދެވީ ސުވާލަށް ސުވާލު. ތިމަންނަ އެކަހަލަ ކަމެއް ކޮށްފާނެ ކަމަށް ދިވެހި ރައްޔިތުން ގަބޫލެއް ނުކުރާނެއޭ. ކީއްވެގެންތޯ މައްކާގެ މުގައްދަސް ބިމުގައި ހުރެފައި އޭނާ ނުބުނީ ތިމަންނަ މިކަމެއް ނުކުރަމޭ. އޭނަ ހުރީ އުމްރާގައި. ހުރެފައި ޓުވީޓެއް މިކުރަނީ ތިމަންނަ އެކަހަލަ ކަމެއް ކޮށްފާނެ ކަމަށް ދިވެހި ރައްޔިތުން ގަބޫލެއް ނުކުރާނެއޭ. ނޫން، އިމްރާން ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ ކަމަށް ދިވެހި ރައްޔިތުން މިއަދު ގަބޫލުކުރޭ،" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލައަކީ އޭސީސީގެ ކުރީގެ ރައީސުން ކަމަށްވާ ލުތުފީ އާއި މުއައްވިޒް ރަޝީދު ކުރިން ނިންމާފައިވާ މައްސަލައެއް ކަމަށާއި އަކަމުގައި އެމަނިކުފާނުގެ މައްސަލައެއް ނެތް ކަމަށް އޭރު އޭސީސީން ނިންމާފައިވާ ކަމަށެވެ. އަދި މިދިޔަ ފެބްރުއަރީ މަހު ފުލުސް އޮފީހަށް ހާޒިރުކުރީ ނެތް މައްސަލައެއް އުފަން ކުރަން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.