ޚަބަރު

ސިފައިންގެ ހޮސްޕިޓަލް ސެނަހިޔާގެ ނަން "ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލް"ގެ ނަމަށް ބަދަލުކޮށްފި

ސިފައިންގެ ހޮސްޕިޓަލް ސެނަހިޔާގެ ނަން "ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލް"ގެ ނަމަށް ބަދަލުކޮށްފިއެވެ.

މިއަދު ހަވީރު މިކަމަށްޓަކައި ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލް ކުރިމަތީ ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލެވެ. އަދި މި ރަސްމިއްޔާތުގައި ޝަމާލް ވަނީ އެމްއެންޑީއެފް މެޑިކަލް ކޯޕްސްގެ ދިދަ އިފްތިތާހުކޮށްދެއްވައިފައެވެ.

މީގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް ވަނީ އެމްއެންޑީއެފް މެޑިކަލް ކޯޕްސް އިން ހިންގާ ކޯސްތަކާ ގުޅޭ "ކޮމްބެޓް މެޑިކް މެނުއަލް" ފޮތް ނެރެދެއްވައިފައެވެ. މި ރަސްމިއްޔާތުގައި އެމްއެންޑީއެފް މެޑިކަލް ކޯޕްސްގެ ފަރާތުން ވަނީ ޗީފް އޮފް ޑިފެންސް ފޯސްއަށް ހާއްސަ ކޮއިންއެއް އަރުވައިފައެވެ. މި ކޮއިން، ޗީފް އޮފް ޝަމާލްއާ ހަވާލުކޮށްދެއްވީ މެޑިކަލް ކޯޕްސްގެ ކޮމާންޑިންގ އޮފިސަރު، ކާނަލް ޑރ. އަލީ ޝާހިދު މުހައްމަދެވެ.

ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލްގެ ނަމަށް ބަދަލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފާއި ޖެނެރަލް އޮފިސަރުންނާއި ސީނިއާ އޮފިސަރުންގެ އިތުރުން އެހެނިހެން ރޭންކުތަކުގެ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވެފައިވެއެވެ.

ސެނަހިޔާ ހޮސްޕިޓަލުގެ ނަން ސެނެހިޔާ މިލިޓަރީ ހޮސްޕިޓަލުގެ ނަމަށް ބަދަލުކޮށްފައިވާ އިރު، ކުރިން ސެނަހިޔާ ހޮސްޕިޓަލުގެ ގޮތުގައި ނަން ދެވިފައިވީ ނަމަވެސް އެތަން ހިންގަމުންދިޔައީ ކްލިނިކެއްގެ ގޮތުގައެވެ. ރަސްމީކޮށް ހޮސްޕިޓަލަކަށް ބަދަލުކޮށް އެ ހޮސްޕިޓަލުން ސީޓީ ސްކޭނާއި އެމްއާރުއައިގެ ހިދުމަތްދޭން ފަށާނެކަން ވެސް މީގެކުރިން އެމްއެންޑީއެފުން ވަނީ އިއުލާންކޮށްފައެވެ.