ޚަބަރު

13 އަހަރުގެ ކުއްޖާ ކައިވެނީގެ ނަމުގައި އެއްވެސް މީހަކާ ގުޅިފައިވާކަން އެނގޭކަށް ނެތް: ފުލުހުން

މުހައްމަދު ޝަހީމް

ތޭރަ އަހަރުގެ އަންހެން ކުއްޖާ ކައިވެނީގެ ނަމުގައި އެއްވެސް މީހަކާ ގުޅިފައިވާކަން ފުލުހުންގެ ތަހުގީގަށް މިހާތަނަށް ހާމަވެފައި ނެތް ކަމަށް ފުލުހުން ބުނެފިއެވެ.

ތޭރަ އަހަރުގެ ކުއްޖެއް ބަލިވެ އިން މައްސަލައެއް ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ބަލަމުން އަންނަ އިރު، އެކުއްޖާއަކީ މިދިޔަ ހުކުރު ދުވަހު ވަޅި ހެރުމަށްފަހު ކަނޑަށް އެއްލާލާފައި މީހާއާ ގުޅުން ހުރި ކުއްޖެއް ކަމަށް ތުހުމަތުކުރެވެއެވެ. އެކަމަކު ރަސްމީ އެއްވެސް އިދާރާއަކުން އެކަން ޔަގީންކޮށްދީފައެއް ނުވެއެވެ.

މިރޭ ފުލުހުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އާއިލާއެއްގެ ކުދިންތަކަކަށް ލިބެންވާ ތައުލީމާއި ސިއްހީ ހައްގުތަކުން މަހުރޫމް ކޮށްފައިވާ މައުލޫމާތު 2018 ޖޫން 6 ވަނަ ދުވަހު ފުލުހުންގެ އިންޓެލިޖެންސަށް ލިބިފައިވާ ކަމަށާއި އޭގެ ފަހުން ޖެންޑާ މިނިސްޓްރީ އާއި ފުލުހުން ގުޅިގެން އެ މައްސަލަ ތަހުގީގުކޮށް ގާތުން ބަލަމުން އަންނަ ކަމަށެވެ. އަދި މި މައްސަލައިގައި ހިމެނޭ އާއިލާއަކީ ދީނުގެ ނަމުގައި ހަރުކަށި ފިކުރުގެ ވިސްނުން ގެންގުޅޭ އާއިލާއެއްކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

"މި މައްސަލައިގައި ހިމެނޭ އާއިލާއަކީ ދީނުގެ ނަމުގައި ހަރުކަށި ވިސްނުން ގެންގުޅޭ އާއިލާއެއްކަން ވަނީ ފާހަގަކުރެވިފައެއް. އެކަމުގެ ސަބަބުން އެ އާއިލާއަށް ނިސްބަތްވާ ކުދިންނަށް އެކަށީގެންވާ ތައުލީމުގެ ފުރުސަތު ފަހިކޮށްދިނުމާއި ސިއްހީގޮތުންއަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ހައްގުން މަހުރޫމުވެފައިވާކަން ފާހަގަކުރެވި، އެކަންކަން ހައްލުކޮށް، ކުދިންނަށް ފޯރުކޮށްދޭން ޖެހޭ ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުގެ ކަމާ ގުޅުންހުރި މުއައްސަސާތަކުން ދަނީ ކުރަމުންނެވެ..،" ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

ބަޔާނުގައި ބުނެފައިވަނީ އެ އާއިލާއަށް ނިސްބަތްވާ ކުދިންނަށް އެކަށީގެންވާ ތައުލީމުގެ ފުރުސަތު ފަހިކޮށްދިނުމާއި ސިއްހީ ގޮތުން އަޅަންޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުގެ ކަމާ ގުޅޭ މުއައްސަސާތަކުން ކުރަމުން އަންނަ ކަމަށެވެ. އަދި އެ މައްސަލައަކީ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓޭކްޝަން ޑިޕާޓްމަންޓުން ތަހުގީގުކުރަމުން އަންނަ މައްސަލައެއް ކަމަށާއި ކުޑަކުދިންނާ ގުޅުންހުރި އެފަދަ މައްސަލަތަކުގެ މައުލޫމާތު އާންމުކުރުމުގައި އެ މައްސަލަތަކުގައި ހިމެނޭ ކުޑަކުދިންގެ ހައްގުތަކާއި މަސްލަހަތަށް ރިއާޔަތްކުރަން އިލްތިމާސް ކުރާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން އިސްލާމްދީނުގެ ނަމުގައި ހައްދުފަހަނައަޅާ ދިއުމާއި އެކަމުގެ ސަބަބުން ކުޑަކުދިންގެ ހައްގުތަކަށް އުނިކަން ލިބި ކުޑަކުދިން ކުށުގެ ޝިކާރައަކަށް ވެގެންދިއުމަކީ ސަރުކާރުން އަޅާނުލާ ދޫކޮށްލާނެ މައްސަލައެއް ނޫން ކަމަށާއި އެފަދަ މައްސަލަތަކުގެ ޝިކާރައަކަށްވާ ކުދިންނަށް އެކަށީގެންވާ ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމާއި، އެފަދަ މައްސަލަތަކުގައި ހިމެނޭ ފަރާތްތަކަށް އަޅަންވާ ގާނޫނީ ފިޔަވަޅު އަޅަމުންދާނޭ ކަމުގެ ޔަގީންކަން އަރުވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.