ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު އަދި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައާ ގުޅިގެން ހ. ހިކޯސްޓް އަލީ ޝާން (ސަޓޯ) ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް)ގެ ވަޒީފާ އިން ވަކިކޮށްފިއެވެ.
ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯންގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ރަޝީދު (މާމިގިލީ އިބޫ) ވަނީ "ވަން" އަށް އެކަން ކަށަވަރުކޮށްދެއްވައިފައެވެ. އިބޫ ވިދާޅުވީ ސަޓޯ ސަސްޕެންޑު ކުރި ދުވަހުގެ ޖެހިގެން އައި ހޯމަ ދުވަހު އޭނާ ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ.
"ވަޒީފާއިން ވަކިކޮށްފައިވަނީ ޝާން ސަސްޕެންޑް ކުރި ދުވަހުގެ ޖެހިގެން އައި ދުވަހު،" އިބޫ ވިދާޅުވިއެވެ.
ސަޓޯ ސަސްޕެންޑު ކޮށްފައިވަނީ މި މައްސަލަ ބަލައި ނިމި ވަކި ގޮތެއް އަންގަންދެން ކަމަށް އޭރު އިބޫ ވަނީ ވިދާޅުވެފައެވެ.
ސަސްޕެންޑުކޮށް ވަޒީފާއިން ވަކި ކުރި އިރު ސަޓޯ ހުރީ ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯންގެ ތިލަފުށީ ސައިޓްގެ ސުޕަވައިޒަރެއްގެ މަގާމުގައެވެ. އޭނާ މި މަގާމަށް އައްޔަން ކޮށްފައިވަނީ މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުންނެވެ.
ޑރ. އަފްރާޝީމް އަވަހާރަކޮށްލާފައިވަނީ 2012 ވަނަ އަހަރު، ޓީވީއެމްގެ ޕްރޮގްރާމެއް ނިންމަވައިލެއްވުމަށްފަހު އޭނާ ދިރިއުޅުއްވި ހ. ފުންވިލުގެއަށް ވަޑައިގަތްތަނުން އެގޭގެ ސިޑިމަތީގައެވެ. މި މައްސަލައިގައި ސަޓޯގެ އިތުރުން 18 އަހަރުން ދަށުގެ ކުޑަ ކުއްޖަކަށާއި، ހ. ލޮބީ ހުސައިން ހުމާމް އަހްމަދުގެ މައްޗަށް ދައުވާ އުފުލާފައިވެއެވެ. ނަމަވެސް ކުށް ސާބިތުވީ ހަމައެކަނި ހުމާމުގެ މައްޗަށެވެ.