ޚަބަރު

ފަނޑިޔާރުކަމަށް އައްޔަންކުރަން ފެންނަ ބޭފުޅުންގެ ލިސްޓެއް އިލްމުވެރިންގެ ގުޅުމުން ރައީސަށް ފޮނުވައިފި

އިބްރާހިމް ޒަކީ

2

ސުޕްރީމް ކޯޓަށާއި ކޯޓުތަކުގެ ފަނޑިޔާރުކަމަށް އައްޔަން ކުރުމަށާއި ރާއްޖޭގެ ޝަރުއީ ދާއިރާގައި މަސައްކަތް ކުރެއްވުމަށް އެކަށީގެންވާ ކަމަށް، އިލްމު ވެރިންގެ ގުޅުމަށް ފެންނަ ބޭފުޅުންގެ ލިސްޓެއް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވާފައިވާ ކަމަށް އެ ފަރާތުން ބުނެފިއެވެ.

އިލްމުވެރިންގެ ގުޅުމުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ރައީސުލް ޖުމްހޫރިއްޔާ އަށް އެ ލިސްޓު ފޮނުވީ ފަނޑިޔާރުންނާ ބެހޭގޮތުން އިސްލާމް ދީނުގައި ކަނޑައަޅާފައިވާ ކަންތައައް ފާހަގަކޮށް އެ މަނިކުފާނަށް ފޮނުއްވި ސިޓީއަކާއެކުގަިއ ކަމަށެވެ.

އެ ސިޓީވެސް އެ ޖަމްއިއްޔާއިން ވަނީ ޓްވީޓް ކޮށްފައެވެ. ނަމަވެސް އެ ސިޓީއާއެލު ރައީސްއަށް ފޮނުވި ލިސްޓެއް ހާމަ ކޮށްފައެއް ނުވެއެވެ.

އިލްމު ވެރިންގެ ގުޅުމުން ރައީސަަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، ރާއްޖެ އިސްލާހު ކުރެއްވުމަށާއި، ބޭނުންފުޅުވެ ވަޑައިގަންނަވާ ކޮންމެ މިސްރާބަކަށް މި ދިވެހި އުއްމަތް މިސްރާބު ކުރެއްވުމަށް، އެ މަނިކުފާނަށް ލިބިވަޑައިގެންފައި ވާފަދަ ފުރުސަތެއް، އިތުރު އެހެން ފަރާތަކަށް ލިބުމަކީ ނާދިރު ކަމެއް ކަމަށެވެ. "ވީއިރު މަނިކުފާނަށް އޮތީ އެ ފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ހިއްޕެވުމަށް ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެއްގައި ފަސްޖެހިވަަދައިނުގަތުން" ކަމަށްބުނެފައި ވެއެވެ.

އިސްލާމް ދީނުގައި ފަނޑިޔާރުންނާއި ފަނޑިޔާރުންގެ، ގެއަކީ ވަރަށް މުހިއްމު ދައުރެއް އަދާކުރާ ފަރާތެ ކަން ފާހަގަ ކޮށް އެކަންތައްތަކާބެހޭގޮތުން އިސްލާމް ދީނުުގައިވާ ބައެއް ކަންތައްތައް ސިޓީގައި ފާހަގަ ކޮށްފައިވެއެވެ.

ހާއްސަކޮށް ދީން ނެގެހެއްޓުމާއެކު، ދިނީ ޝިއާރުތައް ރައްކާތެރި ކުރުމާއި ވެރިންނާއި ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކޮށްދިނުމުގެ ޒިންމާ އާއި މަސްއޫލިއްޔަތު އަދާކުރާ ފަރާތްކަމުގައި ފަނޑިޔާރުންނާއި ފަނޑިޔާރުގެ ވާ ކަމަށްވެސް ބުނެފައިވެއެވެ.

"އުއްމަތުގެ ކަންކަން މިދެންނެވި ބީދައިން އިންތިޒާމުކޮށް، ބެލެހެއްޓުމުގެ ޒިންމާ އާމެދު ޖަވާބުދާރީ ވާން ޖެހިވަޑައިގަންނަވާންޖެހޭ ފަރާތަކީ މަނިކުފާނު، ވީމާ ﷲ ސުބުހާނައޫ ވަތައާލާގެ ހަޒުރަތުގައި ޖަވާބުދާރިވެ ވަޑައިގެންނެވޭނެ ގޮތަށް އެކަންކަން އިންތިޒާމު ކުރެއްވުމަކީ މަނިކުފާނުގެ ރައްކާތެރި ކަމަށްޓަކައި މުހިއްމުކަމެއް،" ސިޓީގައި ރައީސް އަށް އޮޅުން ފިލުއްވައި ދެއްވާފައި ވެއެވެ.

އިސްލާމީ ވެރިކަމެއްގައި މުސްލިމުންގެ މެދުގައި ނިޔާ ކަނޑައަޅަން ތިއްބަވާ ފަނޑިޔާރުންގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތަކެއް އިލްމުވެރިން ބަޔާން ކުރައްވާފައިވާ ކަން ފާހަގަ ކޮށް އެ ޝަރުތުތައްވެސް ސިޓީގައި ވަނީ ބަޔާން ކޮށްފައެވެ.

"އިސްވެ ދެންނެވި ކަންތައްތައް އެެހެން އޮތުމުން އަޅުގަނޑުމެން ދީނީ އިލްމުވެރިންގެ ފަރާތުން ބެލި، ބެލުން ތަކަށްފަހު ރާއްޖޭގެ ޝަރުއީ އަދި ގާނޫނީ ނިޒާމުގެ ތެރޭގައި މިހާރުވެސް މަސައްކަތް ކުރައްވާ ފަރާތްތަކުގެ ތެރޭގައި ތިއްބެވި ފަރާތްތަކުގެ ތެރެއިން، ރާއްޖޭގެ ޝަރުއީ ނިޒާމުގައި އަދި ހާއްސަކޮށް ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުގައި މަސަައްކަތް ކުރެއްވުމަށް އެކަށީގެންވާ ފަރާތްތައް ކަމަށް އަޅުގަނޑުމެންނަށް ބުރަވެވޭ ބައެއް ފަރާތްތަކުގެ މައުލޫމާތު ހިމެނޭ މައުލޫމާތު ކަރުދާހެއް މިސީޓީއާއެކު ހިމަނާފައިވާނެއެވެ.،" ސިޓީގައި ބުނެފައިވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟