ރާއްޖޭގެ ޖަލުތަކުގެ ހާލަތާ ގުޅިގެން އދ. ގެ މަންދޫބު ނިލްސް މެލްޒާ ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ލާއިންސާނީ އަނިޔާ އާއި އަދަބު ދިނުމާ ދެކޮޅަށް ބައިނަލްއަގުވާމީ މައިދާނުގައި މަސައްކަތް ކުރާ އދ. ގެ މަންދޫބު ނިލް މެލްޒާ ވަނީ މިމަހުގެ 17 އިން ފެށިގެން ރާއްޖޭގައި މީހުން ބަންދު ކޮށްފައިވާ ޖަލުތަކާއި، ކުޑަކުދިންގެ ހިޔާ ފަދަ މަރުކަޒުތަކަށްވެސް ޒިޔާރަތްކުރައްވައި އެތަންތަނުގެ ހާލަތު ބައްލަވައިލެއްވުމަށްފަހު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރާއްޖޭގެ ޖަލުތަކުގައި ހުރި ކަންބޮޑުވާ ކަންކަމާ ބެހޭގޮތުން ވާހަކަދައްކަވައިފައެވެ.
އެގޮތުން މެލްޒާ ވިދާޅުވީ ގައިދީން ބައިތިއްބާ ޖުމްލަ 10 ޖަލަކަށް އޭނާ ޒިޔާރާތްކޮށް ގައިދީންގެ ހާލު ބައްލަވާލައްވާފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނޭޝަނަލް އިންޓަގްރެޓީ ކޮމިޝަނާއި މަރުތަކާ ބެހޭ ކޮމިޝަނުގެ އިތުރުންވެސް ސަރުކާރުގެ ކަމާބެހޭ އެތައް ފަރާތްތަކާ މެލްޒާ ވަނީ ބައްދަލުކުރައްވައިފައެވެ.
ޖަލުތަކުގައި ހުރި އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި މެލްޒާ ފާހަގަކޮށްފައިވަނީ ޖާގައަށްވުރެ އިތުރަށް ޖަލުތަކުގައި ގައިދީން ހައްޔަރުކޮށްފައި ތިބުމެވެ. އަދި ގިނަ ގައިދީންނަށް އެކަށީގެންވާ މިންވަރަށް ސާފު ވަޔާއި، އިރުގެ އަލިކަން ނުފެންނަ ކަމަށް މެލްޒާ ވިދާޅުވިއެވެ.
މެލްޒާ ވިދާޅުވީ މާފުށީ ޖަލުގައި ފިރިހެން ގައިދީން ބޭތިއްބޭނެ 655 ޖާގަ ހުރި ކަމަށާއި ނަމަވެސް 969 ގައިދީން އެ ޖަލުގައި މިހާރުވެސް ބަންދުކޮށްފައި އެބަތިބި ކަމަށެވެ.
މެލްޒާގެ ވާހަކައިގައި ވިދާޅުވީ ގައިދީންނަށް އާއިލާއާ ބައްދަލުކުރަން ލިބެނީ މަހަކު އެއްފަހަރު ކަމަށާއި އަދި ގައިދީއަކަށް އެންމެ ގިނަވެގެން ހިލޭ ކުރެވެނީ ދެ ފޯނު ކޯލު ކަމަށާއި އޭގެން ކޮންމެ ކޯލެއްގެ ދިގުމިނަކީ އެންމެ ހަތް މިނެޓު ކަމަށެވެ. އަދި އޭގެ އިތުރުން އަމިއްލަ ހަރަދުގައި ފޯނު ކޯލެއް ކޮށްލުމުގެ ފުރުސަތު ނުދޭ ކަމަށްވެސް މެލްޒާ ވިދާޅުވިއެވެ.
އޭގެ އިތުރުން ގައިދީން ހަފްތާއަކު އެއްފަހަރު ގޮޅިން ބޭރަށް ނެރޭއިރު އެމީހުންނަށް ކަސްރަތުކޮށްލާނެ ފުރުސަތުވެސް ނުލިބޭ ކަމަށް މެލްޒާގެ ވާހަކައިގައި ވަނީ ފާހަގަކުރައްވައިފައެވެ.