ޚަބަރު

މާއުނގޫދޫގައި އައިއެސްގެ ލޯގޯ ޖެހި މައްސަލަ ބަލަން އެރަށަށް ފުލުހުންގެ ޓީމެއް

އާނިފާ ހުސެއިން ސިރާޖް

ށ. އަތޮޅު މާއުނގޫދޫގެ ބައެއް ފާރުތަކުގައި ހަރުކަށި ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ލޯގޯ ސުޕްރޭކޮށް ޖަހާފައިވާ މައްސަލަ ބަލުމަށް ފުލުހުންގެ ޓީމެއް އެރަށަށް ފުރައިފިއެވެ.

ފުލުހުން ބުނީ މިކަމާ ގުޅިގެން ތަހުގީގަށް ބޭނުންވާ މައުލުމާތު ސާފުކުރުމަށް ފުލުހުންގެ ޓީމެއް މިހާރު މާއުނގޫދުއަށް ގޮސްފައިވާ ކަމަށެވެ.

އެރަށުގެ ބައެއް ފާރުތަކުގައި އައިއެސްގެ ލޯގޯގެ ތައްގަނޑު ޖެހީ އެރަށަށް ދިޔަ އައިއެސްގެ ދިދަ ނެގި ދޯންޏަކުން ކަމަށް އަޑު ފެތުރިފައިވީ ނަމަވެސް އެފަދަ މައުލޫމާތެއް މިހާތަނަށް ފުލުހުންނަށް އަދި ލިބިފައި ނުވާ ކަމަށް އެފަރާތުން މައުލޫމާތުދެއެވެ.

"ވަން"އަށް މައުލޫމާތުދެއްވަމުން މާއުނގޫދޫ ކައުންސިލް މެމްބަރު އަބްދުﷲ ހަމީދު ވިދާޅުވީ އެހާދިސާ ހިނގީ މިމަހުގެ 16 ވަނަ ދުވަހު ކަމަށެވެ. ރަށު ކައުންސިލުން ހޯދި ހޯދުމުން އެކަން ކޮށްފައިވަނީ އެރަށު މީހެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ބެލެވޭ ގޮތުގައި އެކަން ކޮށްފައިވަނީ އެރޭ އެހެން ރަަށަކުން އެރަށަށް އައި ދޯންޏެއްގެ ބަޔަކުކަން ޝައްކު ކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އަދި އެކަން ރަނގަޅަށް ސާފު ނުވާ ކަމަށްވެސް އަބްދުﷲ ހަމީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ލޯގޯ އަރަށު ފާރުތަކުގައި ޖަހާފައި ހުރީ އެއްޗެއްގައި ތައްގަނޑު ކަފައި ނަގައިގެން ދަވާދުން ސްޕްރޭކޮށްގެން ކަމަށެވެ.