ޚަބަރު

މެޖިސްޓްރޭޓުންނަށް ފޯނު އެލަވަންސް ހަމަޖައްސަން މަޖިލީހަށް

އިބްރާހިމް ޒަކީ

މެޖިސްޓްރޭޓުންނަށް ފޯނު އެލަވަންސް ހަމަޖައްސަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ބުނީ މެޖިސްޓްރޭޓުންނަށް ފޯނު އެލަވަންސެއް ދޭންޖެހޭ ކަމަށް އެ ކޮމިޝަނަށް ގަބޫލު ކުރެވޭތީ އެ ފަރާތްތަކަށް ފޯނު އެލަވަންސްގެ ގޮތުގައި މަހަކު 500 ރުފިޔާ ހަމަޖައްސައި ދޭން މަޖިލީހަށް ހުށަހަޅަން އެކޮމިޝަނުން މިއަދު ނިންމާފައިވާކަމަށެވެ.

އެގޮތަށް ނިންމީ ކޮމިޝަންގެ މިއަދުުގެ ބައްދަލުވުމުގައެވެ.

ފަނޑިޔާރުންގެ ތެރެއިން ފޯނު އެލަވަންސް މިހާރު ލިބެނީ ހަމައެކަނި މާލޭގެ ސުޕީރިއާ ކޯޓުތަކާއި ހައި ކޯޓާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށެވެ.

އެ ކޯޓުތަކުގެ ފަނޑިޔާރުންނަށް ފޯނު އެލަވަންސްގެ ގޮތުގައި މަހަކު 1،000 ރުފިޔާ ދެއެވެ.

ފަނޑިޔާރުންނަށް ތައުލީމާއި ތަމްރީނުގެ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފުޅާކޮށް ފަހިކޮށް ދިނުމުގެ ހަރުދަނާ ސިޔާސަތެއް އެކުލަވާލުމަށް އާންމުކުރަން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް އެންގުމަށް ވެސް ޖޭއެސްސީން މިއަދު ވަނީ ނިންމައިފައެވެ.