ޚަބަރު

ޖޭއެސްސީގެ ބައްދަލުވުމެއް ފުރަތަމަ ފަހަރަށް މާލެއިން ބޭރުގައި ބާއްވައިފި

މަރިޔަމް ޝަހުދާ

ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީގެ ބައްދަލުވުމެއް ފުރަތަމަ ފަހަރަށް މާލެއިން ބޭރުގައި ބާއްވައިފި އެވެ.

އެކޮމިޝަންގެ 84 ވަނަ ބައްދަލުވުން މިއަދު ބާއްވާފައިވަނީ ލ.ފޮނަދޫގައެވެ.

ޖޭއެސްސީގެ ނަައިބު ރައީސް މަސްތޫރު ހުސްނީ ރިޔާސަތު ބެލެހެއްޓެވި މި ބައްދަލު ވުމުގައި ދެ ކަމަކާ ބެހޭގޮތުން މަޝްވަރާކޮށް ނިންމުންތަކެއް ވަނީ ނިންމައިފައެވެ.

ފުރަތަމަ ކަމަކަށް ހެން ފަނޑިޔާރުންނެކޭ އެއްފަދައިން މެޖިސްޓްރޭޓަރުންނަށް ފޯނު އެލަވަންސް ދިނުމާމެދު މަޝްވަރާކޮށް، މެޖިސްޓްރޭޓުންނަށް ވެސް ފޯނު އެލަވަންސެއް ދިނުމަށް ކޮމިޝަނުން ނިންމިއެވެ.

ފޯނު އެލަވަންސްގެ ގޮތުގައި މެޖިސްޓްރޭޓުންނަށް މަހަކު 500 ރުފިޔާ ހަމަޖައްސައިދިނުމަށް ރައްޔިތުންގެ މަޖިލީހުގައި ދެންނެވުމަށް ޖޭއެސްސީ އިން ވަނީ ނިންމައިފައެވެ.

މީގެ އިތުރުން ފަނޑިޔާރުންނަށް ތައުލީމާއި ތަމްރީނު ޕްރޮގްރާމު ތަކުގައި ބައިވެރިވެވޭނެ ފުރުސަތުތައް ހުޅުވާލުމަށް ހަރުދަނާ ސިޔާސަތެއް އެކުލަވާލައި އާންމު ކުރުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، (ޑީޖޭއޭ) އަށް ދެންނެވުމަށް ވެސް ޖޭއެސްސީ އިން މިއަދު ވަނީ ނިންމައިފައެވެ.

އެގޮތުން ސަރުކާރުގެ ހަރަދުގައި އަދި ފަނޑިޔާރުންގެ އަމިއްލަ ހަރަދުގައި އެފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވެވޭނެ ގޮތާއި، މާލީ ގޮތުން ލުއިފަސޭހަ ސްކީމެއް ތައާރަފުކުރުމުގެ އިތުރުން ތައުލީމާއި ތަމްރީނު ތަކުގައި ބައިވެރިވުމަށް ބާރު އެޅޭގޮތަށް އެފަދަ ސިޔާސަތެއް ބައްޓަން ކުރުމުގެ މުހިއްމު ކަމާ ގުޅިގެން ޖޭއެސްސީގެ މި ބައްދަލުވުމުގައި މެމްބަރުން މަޝްވަރާ ކުރި ކަމަށް ޖޭއެސްސީ އިން ބުނެއެވެ.