ރައީސް އޮފީސް

އީސީގެ މެންބަރުކަމަށް ފުއާދު އަދި އެންއައިސީގެ މެންބަރުކަމަށް ޖިހާދު އައްޔަން ކުރައްވައިފި

އާނިފާ ހުސެއިން ސިރާޖް

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުކަމަށް، އެ ކޮމިޝަންގެ ކުރީގެ ރައީސް، ފުއާދު ތައުފީގު، އަދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ މެންބަރުކަމަށް، ވިލިމާލެ ދިވެތި ކާނަލް (ރިޓަޔަރޑް) އަހުމަދު ޖިހާދު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު އައްޔަންކުރައްވައިފިއެވެ.

މި ބޭފުޅުން މަގާމަށް އައްޔަންކުރައްވައި މަގާމުގެ ލިޔުން ހަވާލުކުރެއްވުމުގެ ރަސްމިއްޔާތު ބާއްވަވާފައި ވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ރައީސް އޮފީހުން ބުނީ މި ރަސްމިއްޔާތުގައި އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް އައްޔަން ކުރެއްވި ފުއާދު ތައުފީގަށް ހުވައިލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޒު މަހާޒު އަލީ ޒާހިރު ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް މިއަދު އައްޔަންކުރެއްވި ފުއާދު ތައުފީގަކީ 2008 އިން 2009އަށް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އޭގެ ފަހުން 2014 ވަނަ އަހަރުގެ މާޗު މަހާ ހަމައަށް ފުއާދު ތައުފީގު ހުންނެވީ އެކޮމިޝަނުގެ ރައީސްގެ މަގާމުގައެވެ. ފުއާދު ތައުފީގު ސަރުކާރުގެ ވަޒީފާއާ ގުޅިވަޑައިގެންނެވީ ފެބުރުއަރީ 1973ގައެވެ. ފުރަތަމަ ވަޒީފާ އަދާކުރެއްވީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގައެވެ. 2007 ވަނަ އަހަރާއި ހަމައަށް ހުންނެވީ އެ އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލްގެ މަގާމުގައި ކަމަށްވެސް ރައީސް އޮފީހުން މައުލޫމާތު ދެއެެވެ.

އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމަށް މިއަދު އައްޔަންކުރެއްވި ކާނަލް (ރިޓަޔަރޑް) އަހުމަދު ޖިހާދު، އެންމެފަހުން މަސައްކަތް ކުރެއްވީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގައެވެ. ކާނަލް (ރިޓަޔަރޑް) އަހުމަދު ޖިހާދު 1982 ގައި ދިވެހި އަސްކަރިއްޔާއާ ގުޅިވަޑައިގެންނެވުމަށްފަހު 2013 ވަނަ އަހަރާ ހަމައަށް އަސްކަރިއްޔާގެ އެކި މަގާމުތައް ފުރުއްވާފައި ވެއެވެ. އޭނާ އެންމެ ފަހުން ހުންނެވީ ކޯސްޓްގާޑް މެރިން ރެސްކިއު ކޯޑިނޭޝަން ސެންޓަރުގެ ޑެޕިއުޓީ ސާޗް ކޯޑިނޭޓަރެއްގެ މަގާމުގައެވެ.