ށ. އަތޮޅު މާއުނގޫދޫގެ ބައެއް ފާރުތަކުގައި ހަރުކަށި ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ލޯގޯ ސުޕްރޭކޮށް ޖަހާފައިވާ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ އެރަށުގެ ބައެއް ފާރުތަކުގައި އައިއެސްގެ ލޯގޯގެ ތައްގަނޑު ޖެހީ އެރަށަށް ދިޔަ އައިއެސްގެ ދިދަނެގި ދޯންޏަކުން ކަމަށް އަޑު ފެތުރިފައިވީ ނަމަވެސް އެފަދަ މައުލޫމާތެއް މިހާތަނަށް ފުލުހުންނަށް ލިބިފައި ނުވާ ކަމަށެވެ.
ވަން އޮންލައިނަށް މައުލޫމާތު ދެއްވަމުން މާއުނގޫދޫ ކައުންސިލް މެންބަރު އަބްދުﷲ ހަމީދު ވިދާޅުވީ އެހާދިސާ ހިނގީ މިމަހުގެ 16 ވަނަ ދުވަހު ކަމަށެވެ. ރަށު ކައުންސިލުން ހޯދި ހޯދުމުން އެކަން ކޮށްފައިވަނީ އެރަށު މީހެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ބެލެވޭ ގޮތުގައި އެކަން ކޮށްފައި ވަނީ އެރޭ އެހެން ރަަކުން އެރަށަށް އައި ދޯންޏެއްގެ ބަޔަކު ކަމަށް ޝައްކު ކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އަދި އެކަން ރަނގަޅަށް ސާފު ނުވާ ކަމަށްވެސް އަބްދުﷲ ހަމީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ ލޯގޯ އަރަށު ފާރުތަކުގައި ޖަހާފައި ހުރީ އެއްޗެއްގައި ތައްގަނޑު ކަފައި ނަގައިގެން ދަވާދުން ސްޕްރޭކޮށްގެން ކަމަށެވެ.