މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް

އާރަށުގައި ހުންނަ ރައީސް ދިރިއުޅުއްވާ ގެކޮޅު އެޅީ ސީއެސްއާރުގެ ދަށުން: ޑިފެންސް މިނިސްޓަރ

ޝަހީދާ އަބްދުﷲ ސައީދު

އާރަށުގައި ހުންނަ ރައީސުލްޖުމްހޫރިއްޔާ ހުންނަވާ ގެކޮޅު އެޅީ ސީއެސްއާރުގެ ބަޖެޓުން ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވި އާރަށުގައި އިމާރާތެއް އެޅީ ރައީސް އޮފީހާއި އެމްއެެންޑީއެފް މަޝްވަރާކޮށްގެން ކަމަށާއި، އެމައްސަކަތް ކުރީ ސިފައިން ކަމަށެވެ. އަދި އެކަމަށް ހަރަދުކުރީ ސީއެސްއާރުގެ ތެރެއިން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އާރަށުގައި އެޅި އިމާރާތަކީ އެދުވަސްވަރެއްގައި ހުންނަވާ ރައީސަކު ބޭނުންކުރައްވަން ހުރި ތަނެއް ކަމަށާއި، ރާއްޖޭގައި މީގެކުރިންވެސް ރައީސުން ދިރިއުޅުއްވަން އިމާރާތް އަޅާފައިވާކަމަށް ވިދާޅުވިއެވެ. އެގޮތުން ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި ތީމުގެ އިމާރާތްކޮށް، އެދުވަސްވަރު ރައީސް މައުމޫންގެ އާއިލާ ތީމުގޭގައި ދިރިއުޅުއްވި ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ޝަރީފު ވިދާޅުވީ އާރަށުގައި ކުރަމުންދާ ކޮންމެ މަސައްކަތެއްވެސް ކުރަމުންދާނީ ރައީސުލްޖުމްހޫރިއްޔާ އާއި، ސިފައިންގެ ޗީފްގެ މަޝްވަރާގެ މަތިން ކަމަށެވެ. އަދި އެމަސައްކަތް ކުރާނީ ސިފައިން ކަމަށް ވިދާޅުވިއެވެ.

އާރަށުގައި ތިން ފަންގިލާގެ އިމާރާތެއް އެޅުމާއި ގުޅިގެން އެކަމަށް ބައެއް ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ.