ފާއިތުވި 10 އަހަރުގެ ތެރޭގައި ރާއްޖެ ކުރިއަށް ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށާއި ނަމަވެސް ހައްލު ހޯދަންޖެހިފައިވާ މައްސަލަތައް އަދިވެސް މަދު ނުވާ ކަމަށް ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަދި ދިވެހިންގެ އިސްލާހީ ހަރަކާތް (އެމްއާރުއެމް)ގެ އިންތިގާލީ އެގްޒެކެޓިވް ކޮމިޓީގެ މެންބަރު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.
އެމްއާރުއެމް އުފެއްދުމަށް ބޭއްވި ޖަލްސާގެ ނިންމުން ފާހަގަކުރުމަށް ބިލަބޮންގް ހައި އިންޓަނޭޝަނަލް ސުކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ފާރިސް ވިދާޅުވީ، ދުނިޔޭގެ ކަންކޮޅުތަކުން ފެންނަމުންދާ މަދަނީ ހަމަނުޖެހުމާއި ތަޅާފޮޅުމާއި ނިޒާމު ފުޑުކޮށްލުމުގެ އަމަލުތައް ރާއްޖެއަށް ބީރައްޓެހި ކުރުވުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
އޭގެ އިތުރުން ދުނިޔެއަށް ތިމާވެށީގެ ކުލިހާލަތު ކުރިމަތިވެ، މުޖުތަމައުގެ ތެރޭގައި ހުންނަ ފަރަގުތައް އިތުރުވަމުންދާ ކަމަށާއި ހަރުކަށި ފިކުރުގެ ނުރައްކާތެރިކަން އިތުރުވަމުން ދިއުމަކީ ސިޔާސީ މައިދާނުގައި ހުރަހެއް ނެތި މަޝްވަރާ ކުރެވޭނެ ކަންކަމަށް ހަދަންޖެހޭ ކަމަށް ފާރިސް ވިދާޅުވިއެވެ.
ތައުލީމަށްފަހު ދިވެހި ގައުމަށް ހިދުމަތްކުރާ އެތައް އިލްމީ ޒުވާނުންތަކެއް އެބަތިބިކަން ފާހަގަކުރައްވާ ފާރިސް އިތުރަށް ވިދާޅުވީ، އެފަދަ އެތައް ބަޔަކަށް ގައުމަށް ހިދުމަތް ކުރުމުގެ ފުރުސަތައް ހުރަސްތަކެއް އެޅިފައިވާ ކަމަށެވެ. ހާއްސަކޮށް ރާއްޖޭގައިސިޔާސީ މަސައްކަތުގެ ސަގާފަތް ބައްޓާންވެފައި އޮތް ގޮތުން ސިޔާދީ ދާއިރާގައި އެފަދަ ހިދުމަތް ކުރުމުގެ ދޮރުތައް ބަންދުވެފައިވާ ކަމަށް ވިދާޅުވިއެވެ.
ފާރިސް ވިދާޅުވި ގޮތުގައި، ސިޔާސީ މައިދާނުގައި ޒިންމާދާރު ގޮތެއްގައި އިލްމީ ޒުވާނުންގެ ދައުރު ފުޅާކުރަން އެބަޖެހެއެވެ. އަދި ކޮފީ މޭޒުތަކާއި ސޯޝަލް މީޑިއާގައި އޮށްޓަރު ހުރި އަދި ގައުމާ ފައިދާ ކުރާނެ ޝުއޫރުތައް ފާޅުކުރާ ދިވެހިން އުޅޭއިރު އެފަދަ ހިޔާލު ތަކާއި މަސައްކަތްތަކަކީ ސިޔާސީ ދާއިރާއަށް ގެންނަން މަޖުބޫރުވެފައިވާ ކަންތައްތައް ކަމަށް އޭނާ ވިދާޅުވިއެވެ.