ވެރިކަން ކުރުމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކުރެވޭނެ ވަރުގެ ކަމެއް ނޫން ކަމަށާއި އެހެންކަމުން އެކަމަށް ދެކިލައްވާ ހުވަފެންތަކުގެ މަތިން ހަނދާން ނައްތާލެއްވުމަށް ގޮވާލައި، ޝައިހު ޑރ. މުހައްމަދު އިޔާޒު ރައީސް ނަޝީދަށް ވަރުގެ ރައްދުތަކެއް ދެއްވައިފިއެވެ.
ޑރ. އިޔާޒު އެމަނިކުފާނަށް އަނެއްކާ އިސްލާމްދީނަށް ދައުވަތު ދޭންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށް ވިދާޅުވެ ރައީސް ނަޝީދު މިއަދު ދެއްކެވި ވާހަކަފުޅާ ގުޅިގެން އެމަނިކުފާނަށް ރައްދު ދެއްވައި ޑރ. އިޔާޒު ގެންދަވަނީ ގިނަ ޓުވީޓުތަކެއް ކުރައްވަމުންނެވެ.
ޓުވިޓަރުގައި ރައީސް ނަޝީދު ޓެގު ކުރައްވާ ޑރ. އިޔާޒު އެންމެ ފަހުން ކުރެއްވި ޓުވީޓުތަކުގައި ވިދާޅުވީ، ކޮންމެ މީހަކުވެސް ކުރިމަތިލާންވާނީ އެމީހަކަށް ކުރެވޭވަރުގެ ކަމަކާ ކަމަށެވެ. އެގޮތުން ވެރިކަން ކުރުމަކީ ރައީސް ނަޝީދަށް ކުރެވޭ ވަރުގެ ކަމެއް ނޫން ކަމަށާއި އެކަން 2012 ގައި މަނިކުފާނު ސާބިތުކޮށްދެއްވާފައިވާ ކަމަށް އިޔާޒު ވިދާޅުވިއެވެ.
"މަނިކުފާނާއި އެންމެ ގުޅެނީ މަގުމަތީގައި ސަކަރާތް ޖެހުމާއި މުޒާހަރާ ކުރުން. ވީމާ ވެރިކަމަށް އައުމަށް ތިޔަ ދެކިލައްވާ ހުވަފެންތަކުގެ މަތިން ހަނދާން ނައްތާލައްވާ. ވަރަށް ވެދުން،" ޑރ. އިޔާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވެއެވެ.
އިޔާޒު އިތުރަށް ވަނީ، އެމަނިކުފާނަށް ވޯޓު ދެއްވި މީހުން ގިޔާމަތް ދުވަހުން ސަލާމަތް ކުރަން ނާންނާނެ ކަމަށާއި އެހެންކަމުން މާތް ﷲ ރައީސް ނަޝީދުގެ މުޑުދާރު އަމަލުތައް އިތުރަށް ބޭޒާރު ނުކުރައްވަނީ ތައުބާވެ ލެއްވުމަށް ގޮވާލައްވައިފައެވެ. އަދި އާދޭހާއެކު އެހެން ދަންނަވަނީ ރައީސް ނަޝީދަށް ހެޔޮ އެދޭލެއް ބޮޑު ކަމުން ކަމަށް ވެސް ވިދާޅުވިއެވެ.
ލ. ގަމު ތުނޑީއަވަށު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއް ކަމަށާއި އެހެންކަމުން ރާއްޖެއަށް އެހެން މީހަކު އައިސް އަނެއްކާ އަލުން އިސްލާމް ދީނަށް ދައުވަތު ދޭން ޖެހޭނެ ސަބަބެއް އެ މަނިކުފާނަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ.
އެކަމަށް ރައްދު ދެއްވައި ޑރ. އިޔާޒު ކުރެއްވި ޓުވީޓެއްގައި ވަނީ، ރާއްޖޭގައި އޮތް އިސްލާމީ އެއްބައިވަންތަކަން ނައްތާލައި، ތަފާތު ދީންތަކަށް ޖާގަ ހޯދައިދޭން އެންމެ ބޮޑަށް މަސައްކަތްކުރާ ފަރާތަކީ ރައީސް ނަޝީދު ކަމަށް ތުހުމަތު ކުރައްވައިފައެވެ. އަދި އެކަމުން ރައީސް ނަޝީދުގެ މަގުސަދު ވަރަށް ސާފު ކަމަށާއި ރައްޔިތުން ސަމާލުވެލެއްވުމަށް ވެސް ގޮވާލައިފައިވެއެވެ.