ޚަބަރު

ސައިކަލުގެ ފުރޮޅުގައި ހެދުން ތާށިވުމުގެ ސަބަބުން އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މުހައްމަދު ޝަހީމް

ސައިކަލުގެ ފުރޮޅުގައި ހެދުން ތާށިވވުމުގެ ސަބަބުން ހުޅުމާލެ ހައިވޭގައި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުންބުނީ މިހާދިސާ ހިނގާފައިވަނީ އިއްޔެ ހަވީރު ބްރިޖްގެ އެއަޕޯޓު ހިމެނޭ ސަރަހައްދުން މާލެއާ ވީކޮޅަށް ދުއްވި ސައިކަލެއްގައި އިން އަންހެނެއްގެ ހެދުން ސައިކަލްގެ ފުރޮޅުގައި ތާށިވެގެން ކަމަށެވެ.

މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ އިއްޔެ ހަވީރު 5:14ހާއިރު ކަމަށާއި ސައިކަލުގައި ތިބި ދެމީހުންނަށް ވެސް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި ހާދިސާގައި އަނިޔާވި ދެމީހުން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވާ ކަމަށް ފުލުހުން ބުނެފައެވެ.

އަނިޔާވެފައިވަނީ 47 އަހަރުގެ އަންހެނަކާއި 53 އަހަރު ފިރިހެނަކަށް ކަމަށް ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނީން ބުނެ އެވެ.

މި ދެމީހުންގެ ތެރެއިން އަންހެންމީހާއަށް ކުދި ކުދި އަނިޔާ ލިބިފައިވާ ކަމަށާއި އެކްސްރޭއެއް ނެގުމަށްފަހު ދޫކޮށްލާފައިވާ ކަމަށް އާސަންދަ މީޑިއާ އޮފިޝަލު "ވަން އޮންލައިން"އަށް މައުލޫމާތު ދެއެވެ. އަދި ފިރިހެން މީހާގެ ކަނާއަތުފައި މަށައިގެން ގޮސް ބޮލުގައި ރިއްސުން ފިޔަވައި ފިޔަވައި އިތުރުކަމެއް ފާހަގަ ކުރެވިފައި ނުވާކަމަށާއި އިތުރަށް ބަލަމުން އަންނަކަމަށްވެސް ހުޅުމާލެ ހޮސްޕިޓަލާއި ހަވާލާދީ އާސަންދައިން ބުންޏެވެ.