އިނގިރޭސި ޕްރިމިއާ ލީގު

މޮރީނިއޯގެ އިރުޝާދުގެ ދަށުން ޓޮޓެންހަމް ކުޅުނު ފުރަތަމަ މެޗުގައި ވެސްޓް ހޭމް އަތުން މޮޅެއް

ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން ޓޮޓެންހަމް ހޮޓްސްޕާ ކުޅުނު ފުރަތަމަ މެޗުގައި ވެސްޓް ހޭމް ޔުނައިޓެޑް އަތުން މޮޅުވެއްޖެއެވެ.

ރަށުން ބޭރުގައި މިރޭ ކުޅުނު އިނގިރޭސި ޕްރިމިއާ ލީގުގެ މެޗުގައި ވެސްޓް ހޭމް އަތުން ޓޮޓެންހަމް މޮޅުވީ 3-2ގެ ނަތީޖާއަކުންނެވެ.

މެޗުގައި ދެ ލަނޑުގެ ލީޑެއް ހޯދުމުގެ ކުރިން ޓޮޓެންހަމް އިން ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން މެޗުގެ 20 ވަނަ މިނެޓުގައި ޓޮޓެންހަމްއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. ސޮން ހިއުން މިންއަށް ލިބުނު ފުރުސަތުން އޭނާ ފޮނުވާލި ހަމަލާ، ވެސްޓް ހޭމްގެ ކީޕަރު ރޮބާޓޯ ޖިމެނޭޒް ވަނީ މަތަކޮށްފައެވެ.

މެޗުގައި ޓޮޓެންހަމް އިން ފުރަތަމަ ލަނޑު ޖަހައި ލީޑު ހޯދީ މެޗުގެ 36 ވަނަ މިނެޓުގައެވެ. ޑެލޭ އަލީ ދިން ބޯޅައަކުން ޓޮޓެންހަމްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ސައުތު ކޮރެއާ ފޯވަޑް ސޮންއެވެ. ޕެނަލްޓީ އޭރިއާ ތެރެއިން އޭނާ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ވެސްޓް ހޭމް ގޯލުގެ ތިރީ ކަނަކަށެވެ.

އެ މެޗުގެ ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް، ޓޮޓެންހަމް އިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ. ސޮން ދިން ރީތި ބޯޅައަކުން ޓޮޓެންހަމްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ލޫކަސް މޯރާއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0ގެ ނަތީޖާއަކުން ޓޮޓެންހަމް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ ތިން މިނެޓު ތެރޭ ޓޮޓެންހަމްއަށް އިތުރަށް ލީޑު ފުޅާކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ކައުންޓާ އެޓޭކެއްގައި ލިބުނު ބޯޅައެއް ހިފައިގެން ވެސްޓް ހޭމްގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ލޫކަސް ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

މެޗުގެ 49 ވަނަ މިނެޓުގައި ޓޮޓެންހަމް އިން ވަނީ ތިން ލަނޑުގެ ލީޑެއް ހޯދައިފައެވެ. ސާޖް އޮރިއޭ ނަގައިދިން ހުރަހަކުން ޓޮޓެންހަމްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ އިނގިރޭސި ފޯވަޑް ހެރީ ކޭންއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ވެސްޓް ހޭމްގެ ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ، ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.

އެ މެޗުގެ 73 ވަނަ މިނެޓުގައި ވެސްޓް ހޭމް އިން ވަނީ އެޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައެވެ. މާކް ނޯބަލް ދިން ބޯޅައަކުން ވެސްޓް ހޭމްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ މިހައީލް އެންޓޯނިއޯއެވެ. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު އެންޓޯނިއޯ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ޓޮޓެންހަމް ގޯލުގެ ތިރީ ކަނަކަށެވެ.

އެ މެޗުގައި ވެސްޓް ހޭމް އިން ދެވަނަ ލަނޑެއް ޖަހައި، ޓޮޓެންހަމް އިން ދަމަހައްޓަމުންދިޔަ ލީޑު ހަނިކުރީ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައެވެ. ރޮބާޓް ސްނޮޑްގްރާސް ނަގައިދިން ކޯނަރަކުން ވެސްޓް ހޭމްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ އިޓަލީ ޑިފެންޑަރު އެންޖެލޯ އޮގްބޮނާއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ޓޮޓެންހަމްގެ ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.

ޕްރިމިއާ ލީގު ޕޮއިންޓް ތާވަލުގައި މިވަގުތު ޓޮޓެންހަމް އޮތީ ކުޅުނު 13 މެޗުން ލިބުނު 17 ޕޮއިންޓާއެކު ތާވަލުގެ ހަ ވަނައިގައެވެ. ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު 12 މެޗުން 34 ޕޮއިންޓް ހޯދި ލިވަޕޫލެވެ. ދެވަނައިގައި އޮތް ލެސްޓާ ސިޓީ އާއި ތިންވަނައިގައި އޮތް ޗެލްސީ، އެއިން ކޮންމެ ޓީމަކަށް ވެސް 12 މެޗުން ލިބިފައިވަނީ 26 ޕޮއިންޓެވެ. ލެސްޓާ ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ. އަދި ތާވަލުގެ ހަތަރުވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް 12 މެޗުން ލިބިފައިވަނީ 25 ޕޮއިންޓެވެ.