ޚަބަރު

މޭޔަރު ޝިފާގެ އޮފީސް ފަޅާލައިފި

މުހައްމަދު ޝަހީމް

1

މާފަންނުގައި ހުންނަ މާލެ ސިޓީ ކައުންސިލުގެ މޭޔަރު ޝިފާ މުހައްމަދުގެ އޮފީސް ފަޅާލައި ވައްކަން ކުރަން މަސައްކަތްކޮށްފިއެވެ.

"ވަން" އަށް މައުލޫމާތު ދެއްވަމުން މޭޔަރު ޝިފާ ވިދާޅުވީ އޮފީސް ފަޅާލައިފައިވާކަން އެނގުނީ މިއަދު އޮފީހަށް ދިއުމުން ކަމަށާއި އެގޮތުން އެތަނަށް ވަދެފައިވަނީ އޮފީހުގެ ފަހަތުން ކަމަށެވެ. ނަމަވެސް އަގު ބޮޑު އެއްވެސް އެއްޗެއް ގެންގޮސްފައިނުވާތީ ހައިރާން ވެލައްވާ ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، އޮފީސް ފަޅާލަން މަސައްކަތް ކޮށްފައިވަނީ ލަފާކުރެވޭ ގޮތުގައި ލިޔެކިޔުންތަކެއް ހޯދުމަށެވެ. ނަމަވެސް އޮފީހުގައި މާބޮޑު ލިޔެކިޔުން ތަކެއް ނުހުންނާނެ ކަމަށާއި ކޮންމެ ދުވަހަކު ވެސް ލިބޭ ސިޓީތައް އެކަމާބެހޭ ސެކްޝަންތަކަށް ފޮނުވާ ކަމަށެވެ.

އިއްޔެ ނިމިދިޔަ އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ގުޅިގެން ހިނގި ކަމެއްކަމަށް އަޑު ފެތުރިފައިވާތީ "ވަން" އިން ސުވާލުކުރުމުން މޭޔަރު ވިދާޅުވީ އިއްޔެގެ އިންތިހާބަކާ ސިޓީ ކައުންސިލަކާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށެވެ. އަދި މިއީ ކައުންސިލް ބަދުނާމު ކުރުމަށް ބަޔަކު މީހުންކުރާ މަސައްކަތެއް ކަމަށް ވެސް ވިދާޅުވިއެވެ.

"އަޅުގަނޑަށް ލަފާ ކުރެވެނީ ކައުންސިލް ބަދުނާމުކުރަން ބަޔަކު މީހުން މިހާރު ނުކުމެކުރާ މަސައްކަތުގެ ތެރެއިން، އަޅުގަނޑަށް މިބުނީ ތުރެޓަން ކުރަން މެސެޖު ތަކާއި އެއްޗެހި ފޮނުވަމުންދޭ. މީހުން މިހާރު އެހެންވީމާ އެކަހަލަ ކަންތައްތަކެއްކުރާ ބަޔަކު އެއްޗެއް ހޯދަންވެގެން ކުރި މަސައްކަތެއްގެ ގޮތުގައި އަޅުގަނޑަށް ލަފާ ކުރެވެނީ،" މޭޔަރު ޝިފާ ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ، އޭނާގެ އޮފީސް ފަޅާލި މައްސަލަ މިހާރު ފުލުހުންނަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟