ޚަބަރު

ކޯޓު އަމުރުގެ ދަށުން ހޯދަން ފުލުހުން އެދުނު މައުލޫމާތު މި ނޫހުގައެއް ނުހުންނާނެ: ވަގުތު ނޫސް

މަރިޔަމް ޝަހުދާ

ކޯޓު އަމުރުގެ ދަށުން ފުލުހުން ހޯދަން އެދުނު މައުލޫމާތު އެ ނޫހުގައެއް ނުހުންނާނެ ކަމަށް ވަގުތު އޮންލައިން ނޫހުން ބުނެފިއެވެ.

''ވަގުތު'' ނޫހުގެ ހަބަރަކަށް މަރުގެ އިންޒާރުދީ މީހަކު ކުރި ކޮމަންޓަކާ ގުޅިގެން ކޮމެންޓުކުރި މީހާގެ އައިޕީ އެޑްރެސް ފުލުހުންނަށް ދިނުމަށް ކުރިމިނަލް ކޯޓުން އެ ނޫހުގެ މައްޗަށް އަމުރުކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެ އަމުރުގައި ބުނެފައިވާ ގޮތުން، އަމުރު ލިބޭތާ 48 ގަޑިއިރު ތެރޭގައި އެ މައުލޫމާތު ފުލުހުންނަށް ދޭންޖެހެއެވެ.

ވަގުތު ނޫހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ކުރިމިނަލް ކޯޓުން އަމުރު ނެރުމުގެ ކުރިން ފުލުހުން ބޭނުންވާ ކޮމަންޓު ''ވަގުތު'' ގެ ވެބްސައިޓުން ފޮހެލާފައިވާ ކަމަށެވެ. އެއީ އެ ކޮމަންޓަކީ ''ވަގުތު''ގެ ކޮމަންޓް ޝާއިއުކުރާ މިންގަނޑުތަކާއި ހިލާފަށް ކޮށްފައިވާ ކޮމަންޓަކަށް ވުމުން ކަމަށް އެ ނޫހުން ބުނެއެވެ.

ވަގުތު ނޫހުން ބުނި ގޮތުގައި، އެނޫހަށް ކޮމެންޓު ކުރަނީ ވަކި ޔޫސާ އައިޑީ ހަދައިގެން ކަމަށް ނުވާތީ ނޫހުގައި ކޮމެންޓު ކުރިި ފަރާތުގެ މައުލޫމާތެއް ނުހުންނާނެއެވެ. އަދި ކުރިމިނަލް ކޯޓުގެ އަމުރުގައި ހުރި މައުލޫމާތުތަކަކީ އެ ނޫހުގެ ސާވާގައި ރައްކާކުރެވިފައިވާ މައުލޫމާތު ތަކެއް ނޫން ކަމަށް ވެސް ބުންޏެވެ.

ނަމަވެސް ކުރިމިނަލް ކޯޓުން ނެރުނު ކޯޓު އަމުރަށް ބޯ ލެނބުމުގެ ގޮތުން އެނޫހުގެ އައިޕީ އެޑްރެސްތައް ލޮގު ކުރުމުގައި އަމަލު ކުރަމުން ގެންދާގޮތް ފުލުހުންނާ ހިއްސާކޮށްފައިވާ ކަމަށް ބަޔާނުގައިވެއެވެ. އަދި ފުލުހުންގެ ތަހުގީގަށް އެނޫހުން ދޭންޖެހޭ އެއްބާރުލުން ދީ، ފުލުހުން ބޭނުންވާ މައުލޫމާތު ފޯރުކޮށްދޭނެ ކަމެއްގެ ޔަގީންކަން ދޭ ކަމަށް ބުނެފައިވެއެވެ.

ވަގުތު ނޫހުން ބުނީ، އެ ނޫހުން ކޮމަންޓް ޝާއިއު ކުރުމަށް ވަކި މިންގަނޑުތަކެއް ގެންގުޅޭ ކަމަށާއި އެ މަސައްކަތަކީ އެ ނޫހުގެ އިދާރީ މުވައްޒަފުން ކުރާ މަސައްކަތެއް ކަމަށެވެ. އަދި މަރުގެ އިންޒާރުދީ ކޮށްފައިވާ ކޮމެންޓެއް ޝާއިއުކުރެވުނީ އޮޅުމަކުން ކަމަށާއި އެކަން ހިނގި ގޮތް ބަލައި، އެ ކޮމެންޓު ޝާއިރު ކުރި މުވައްޒަފާމެދު ފިޔަވަޅު އަޅާފައިވާ ކަމަށް ވެސް ވަގުތުގެ ބަޔާނުގައިވެއެވެ.

ބަޔާނުގައި އިތުރަށް ބުނީ، އެ ނޫހުގައި ޝާއިއުކުރި ކޮމެންޓާ ގުޅިގެން ދިވެހި ރައްޔިތުންނާ އެ ނޫހުގެ ކިޔުންތެރިންގެ ކިބައިން މައާފަށް އެދޭ ކަމަށެވެ. އަދި އެފަދަ ކަމެއް ތަކުރާރު ނުވާނެ ފަދަ ގޮތަކަށް މިހާރު އިންތިޒާމު ހަމަޖައްސާފައިވާނެ ކަމަށް ވެސް އެނޫހުން ބުނެއެވެ.