ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް

ބާރުގެ ބޭނުންކޮށްގެން މީހުންގެ ދިރިއުޅުން ބަރުބާދުކުރުމަކީ ބޭނުންވާ ގޮތެއް ނޫން: މައުމޫން

1

ގާނޫނާ ހިލާފަށް ބާރުގެ ބޭނުންކޮށްގެން މީހުން ބަންދުކޮށް އެމީހުންގެ ދިރިއުޅުން އެގޮތް މިގޮތަށް ބަރުބާދުކޮށްލުމަކީ ކޯލިޝަނުން ބޭނުންވާ ގޮތެއް ނޫން ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ކޯލިޝަންގެ ލީޑަރުން މަޝްވަރާ ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ވޭތުވެ ދިޔަ ތަނުގައި ރާއްޖެއިން ފެނިގެންދިޔަ ފަދަ ކަންތައްތަކެއް ފެންނަން ބޭނުންފުޅު ނުވާ ކަމަށެވެ.

"އަޅުގަނޑު ބޭނުންވަނީ ދިވެހި ގައުމުގެ ހުރިހާ ރައްޔިތުންނަކީވެސް އަމާންކަމާ އެކީގައި ދިރިއުޅޭ ބަޔަކަށް ވުން. ކޮންމެ މީހަކުވެސް އެމީހެއްގެ އާއިލާއާ އެކީގައި މަގުމަތީގައި ނަމަވެސް އަދި އެހެން ތަންތަނުގައިވެސް ބިރެއް ނެތި ހިނިތުންވުމާއެކީގައި އުޅެވޭ މީހަކަށް ހެދުން،" އެމަނިކުފާނު ވިދާޅުވިއެވެ.

އާ ސަރުކާރެއް ގާއިމުކުރީ އެ މަގުސަދު ހާސިލު ކުރުމުގެ ބޭނުމުގައި ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. އަދި އެކަމަށްޓަކައި އެމަނިކުފާނުގެ ފުރިހަމަ ތާއީދު އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އޮންނެވި ކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

ރައީސް މައުމޫން ވިދާޅުވީ، ކޯލިޝަނުން ތިއްބަވާނީ ރައީސް ސޯލިހުގެ ފަހަތްޕުޅުގައި ސާބިތު ކަންމަތީގައި ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟