ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ހއ އަދި ހދ ގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއް ފައްޓަވައި، ފުރަތަމަ ރަށެއްގެ ގޮތުން ހއ. މޮޅަދުއަށް ޒިޔާރަތް ކުރައްވައިފިއެވެ.
މިދަތުރުފުޅުގައި އެމަނިކުފާނު ވަނީ މޮޅަދޫ ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވާފައެވެ. މޮޅަދޫ ބަނދަރުގެ މަޝްރޫއަކީ މިދިޔަ ސެޕްޓެމްބަރު މަހު ސްރީލަންކާގެ ކުންފުންޏެއް ކަމަށްވާ ސެނޮކް ޓްރޭޑް ކޮމްބައިން އާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
މި މަޝްރޫއަކީ އެއް އަހަރު ދުވަހުގެ މުއްދަތެއްގެ ތެރޭގައި ނިންމުމަށް 26 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. އެގޮތުން މި މަޝްރޫއުގެ ދަށުން މޮޅަދޫގައި 232 މީޓަރުގެ ކަނޑު ތޮއްޓެއް، 200 މީޓަރުގެ އެއްގަމު ތޮއްޓެއް އަދި 42 މީޓަރުގެ ރިވެޓްމަންޓް ޖަހާނެ ކަމަށް މަޝްރޫއު ސެނޮކް ޓްރޭޑް ކޮމްބައިންއާ ހަވާލުކުރި ރަސްމިއްޔާތުގައި ޕްލޭނިން މިނިސްޓްރީން ބުނެފައިވެއެވެ.
ބަނދަރުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައި ދެއްވުމުގެ އިތުރުން ނައިބު ރައީސް ވަނީ މިއަދު އެރަށުގެ ފުޓްސަލް ދަނޑުވެސް ހުޅުއްވައިދެއްވާފައެވެ. މި ފުޓްސަލް ދަނޑަކީ ޗައިނާ ސަރުކާރުން ދިން އެހީއެއްގެ ތެރެއިން، 21 ރަށެއްގައި ހަދާ ހަދާ ދަނޑުތަކުގެ ތެރޭގައި ހިމެނޭ ދަނޑެކެވެ.
މީގެ އިތުރުން މިއަދުގެ ދަތުރުފުޅުގައި ނައިބު ރައީސް ވަނީ މޮޅަދޫ ކުޑަކުދިންގެ ޕާކު ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފަ އެވެ.