ރާއްޖެ ފެހިކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ "ބެއްޔާ" ހަރަކާތް ފަށައިފިއެވެ.
ސީޕްލޭން ޓާމިނަލުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި "ބެއްޔާ" ހަރަކާތް ފައްޓަވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ.
މޯލްޑިވިއަންގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ އެ ހަރަކާތުގައި "ބެއްޔާ"ގެ ހާއްސަ ޓީޝާޓު ގަތުމުން، ޓީޝާޓު ގަންނަ މީހާގެ ނަން މަތީ ރާއްޖޭގެ ސަރަހައްދެއްގައި ރުކެއް އިންދައިދޭނެއެވެ. އެމީހެއްގެ ނަންމަތީ ރުއް އިންދޭ ސަރަހައްދާއި ރުކުގެ ފޮޓޯ، އެ މީހަކަށް ލިބޭނެއެވެ. އަދި ރުކުގެ އަޕްޑޭޓްތައް ވެސް އެމީހަކަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެ މަޝްރޫއަކީ މިވަގުތު ރާއްޖެއަށް ވަރަށް މުހިންމު މަޝްރޫއެއް ކަމަށާއި ރާއްޖޭގައި ވަރަށް ގިނަ އަދަދަކަށް ރުއް ޖަހަން ޖެހިފައިވާ ކަމަށެވެ.
އެ ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވާ ޓީމުން މައުލޫމާތުދޭ ގޮތުގައި ޓީޝާޓެއް ގަނެ، ރާއްޖޭގެ ސަރަހައްދެއްގައި ރުކެއް އިންދުމުގެ ފުރުސަތު ބިދޭސީންނަށް ވެސް ލިބޭނެ ކަމަށާއި ޓޫރިސްޓް އެޖެންސީތަކާއި ރިސޯޓުތައް މެދުވެރިކޮށް ފަތުރުވެރިންނަށް ޓީޝާޓު ވިއްކުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތްކުރާނެ ކަމަށެވެ.