އަންނަ އަހަރު އޭޕްރީލް މަހު ބޭއްވުމަށް ތާވަލްކޮށްފައިވާ ލޯކަލް އިންތިހާބު އެމްޑީޕީން ބޮޑުތަނުން ކާމިޔާބު ކުރާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ މޯލްޑިވިއަންގެ "ބެއްޔާ" ޓީޝާޓް މޫވްމަންޓް ފެށުމަށް ސީޕްލޭން ޓާމިނަލުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުންނެވެ. ރައީސް ނަޝީދުގެ ވާހަކަފުޅުގައި ލޯކަލް އިންތިހާބަށް އެމްޑީޕީން މިހާރު ވަރަށް ރަނގަޅަށް ތައްޔާރުވެފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އަންނަ މަހު ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީ ތަމްސީލު ކުރާނެ ކެނޑިޑޭޓުން ހޮވުމަށް ޕްރައިމަރީ ބާއްވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
މިހާރުވެސް އެމްޑީޕީގެ ފަރާތުން ލޯކަލް އިންތިހާބަށް ނުކުންނާނެ ވާދަވެރި ފަރާތްތަކެއް ތިބިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ލާމަރުކަޒީ ނިޒާމަށް ބަދަލުގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގެ ކާމިޔާބީއަށްފަހު ރައްޔިތުން މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދައިގެން އެމްޑީޕީން ވަނީ ބޮޑު ކާމިޔާބީއެއް ހޯދައިފައެވެ. މިހާރު އެމްޑީޕީން އަންނަނީ މަޖިލިސް އިންތިހާބު ކާމިޔާބު ކުރި ފަދައިން ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށްވެސް މަސައްކަތް ކުރަމުންނެވެ.