ކޯލިޝަންގެ ސަރުކާރުގައި އެ ފަރާތްތަކުގެ މެދުގައި ހިޔާލު ތަފާތުވުންތައް ހުރި ނަމަވެސް ރައްޔިތުން އެދޭ އެދުންތައް ހާސިލުކުރުމަށްޓަކައި އެއްބަސް ކިޔާނެ ކަމަށް އިންތިހާބީ ރައީސް އިބްރާހީމް މުހައްމަަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ކޯލިޝަން ލީޑަރުން ފުރަތަމަ ފަހަރަށް އެއްތަނަކުން ބައްދަލުކުރައްވާ ބޭއްވި މަޝްވަރާ ކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިންތިހާބީ ރައީސް އިބޫ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެކީގައި ގުޅިގެން މަސައްކަތް ކުރެއްވުމުގެ ފުރުސަތު ވަނީ ލިބިފައި ކަމަށެވެ.
"ގައުމުގައި ހުރި ބޮޑެތި ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާކޮށް ލަފާ އަރުވާ ގޮތަށް މިއަދުގެ ބައްދަލުވުމުގައި ވަނީ މަޝްވަރާކުރެވިފައި" އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މިއަދުގެ މަޝްވަރާގައި ވަނީ މިހާރުން މިހާރަށް ކުރުމަށް ހަމަޖެހިފައިވާ ކަމެއް ކަމަށްވާ ސަރުކާރުގެ ކެބިނެޓް ހަމަަޖެއްސުމަށް މަޝްވަރާކުރައްވާ ގޮތެއް ނިންމަވާފައި ކަމަށެވެ.
"އަޅުގަނޑުމެނަށް އެއްބަސް ވެވުނީ އިންތިހާބާ ހިސާބަށް މިއޮތް ކޯލިޝަން އޮތްގޮތަށް ދަމަހައްޓާ ރައްޔިތުން އެކުރި އުއްމީދުތައް ހަގީގަތަކަށް ހެދުމަށްޓަކައި އެއިރުވެސް އޮތްގޮތަށް މަސައްކަތް ކުރުން،" އިންތިހާބީ ރައީސް ވިދާޅުވިއެވެ.