ޚަބަރު

އެމްޑީޕީގެ އިންތިހާބުގައި ޝައްކުކުރެވޭ ކަންތައްތަކެއް އެބަހުރި: އަސްލަމްގެ ކެމްޕޭން ޓީމު

އިއްޔެ ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޝައްކުކުރެވޭ ކަންތައްތަކެއް ހުރިކަން އެ އިންތިހާބުގައި ނައިބު ރައީސްގެ މަގާމަށް ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްގެ ކެމްޕޭން ޓީމުން ބުނެފިއެވެ.

ވަގުތީ ނަތީޖާ ދައްކާގޮތުން އަސްލަމްއާ ވާދަކޮށް، ނައިބު ރައީސްގެ މަގާމަށް އިންތިހާބުވެވަޑައިގެންނެވީ ކުރިން ވެސް އެ މަގާމުގައި ހުންނެވި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒެވެ.

އަސްލަމްގެ ކެމްޕޭން ޓީމުން ކުރި ޓުވީޓެއްގައި ބުނީ އިންތިހާބުގައި އަދި ވޯޓުގެ މައްސަލަ ހުރި ކަމަށް ޝައްކުކުރެވޭތީ މިވަގުތު އެފަދަ މައްސަލަތައް ދެނެގަނެ ބަލަމުން އަންނަ ކަމަށެވެ. އަދި އެފަދަ ކަމެއް ފާހަގަވެފައިވާ ނަމަ، އެންގުމަށް ވެސް އެދިފައިވެއެވެ.

އިއްޔެ ބޭއްވި އެމްޑީޕީގެ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި ނައިބު ރައީސްގެ މަގާމަށް ކުރިމަތިލެއްވި ޝިފާޒަށް 172 ފޮށިން ލިބިވަޑައިގެންނެވީ 13،233 ވޯޓެވެ. އަދި އަސްލަމަށް ލިބިވަޑައިގެންނެވީ 13،233 ވޯޓެވެ.

އެ އިންތިހާބުގައި އެމްޑީޕީގެ ރައީސްކަމުގެ މަގާމަށް ކުރިމަތިލެއްވީ ކުރިން ވެސް އެ މަގާމުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ. ފެންނަ ނުފެންނަ ވޯޓުން ރައީސް ނަޝީދު ވަނީ އެ މަގާމަށް އިންތިހާބުވެވަޑައިގެންފައެވެ. ރައީސް ނަޝީދަށް 23،369 ވޯޓު ލިބިވަޑައިގެންފައިވާ އިރު، ނުފެންނަ ކަމަށް 63 މީހުން ވޯޓު ދީފައިވެއެވެ.

އިއްޔެ ބޭއްވި އެމްޑީޕީގެ އިންތިހާބުގައި 87،439 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވީ ނަމަވެސް، ވޯޓުގައި ބައިވެރިވީ 23،613 މީހުންނެވެ.