ރައީސް ޔާމީން

މި ސަރުކާރުން ތަހުގީގުތައް ކުރަނީ އިދިކޮޅުގައި ތިބި މީހުންނާއި އިލްމުވެރިން ބިރުގަންނަވަން: ޔާމީން

މި ސަރުކާރުން ތަހުގީގުތައް ކުރަނީ އިދިކޮޅުގައި ތިބި މީހުންނާއި އިލްމުވެރިން ބިރުގަންނަވަން ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

"ހިބަރު ވަދު"ގެ ނަމުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެންނަނީ އިލްމުވެރިންގެ އަނގަ ބަންދުކުރަން ކަމަށް ކުރިން ވެސް ދަންނަވާފައިވާނެ ކަމަށެވެ.

"ތަހުގީގުތައް މިކުރަނީ ކޮން ކަމަކާތޯ. ތަހުގީގުތައް މިކުރަނީ އިދިކޮޅުގައި ތިބި މީހުން ބިރުގަންނަވަން. ތަހުގީގުތައް މިކުރަނީ އިލްމުވެރިން ބިރުގަންނަވަން. އިންޒާރު މިދެނީ އިލްމުވެރިންނަށް. އެކަމަކު ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައީމަ، މިކަހަލަ ޕޯޑިއަމްތަކުގައި އަޅުގަނޑުމެން ދެއްކިން މިއީ އިލްމުވެރިންގެ އަނގަ ބަންދުކުރަން ދައްކާ ވާހަކައޭ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުން އިލްމުވެރިންނަށް އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމަށް ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވި ނަމަވެސް ފެންނަމުންދަނީ އިލްމުވެރިންގެ އަނގަ ބަންދުކުރަން ކުރާ މަސައްކަތް ކަމަށެވެ.

"އިލްމުވެރިންގެ ތެރެއިން ވެސް ފުންނާބު އުސް އިލްމުވެރިއަކަށް މިހާރު އެ ހުންނެވީ ހޯމް މިނިސްޓަރު ކަމަށް ބައެއް ބޭފުޅުން ވިދާޅުވޭ. އޭނާ ކީކޭތޯ ވިދާޅުވީ. އޭނާ ވިދާޅުވީ ތިމަންނާ ކަށަވަރުކޮށްދެމޭ މިގެނައި އިސްލާހަކުންނެއް އިލްމުވެރިންނަކަށް ހަމަ އެއްވެސް ގެއްލުމެއް ނުލިބޭނެއޭ. ކޮބާތޯ އިލްމުވެރިންގެ ހާލަތު މިއަދު. ކީއްވެގެންތޯ ސަލަފު ޖަމިއްޔާއަކީ ޓެރަރިޒަމަށް މަގުފަހުކޮށްދޭ ޖަމިއްޔާއަކަށް ކަނޑައަޅަން ޖެހިގެން މިއުޅެނީ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ ސަލަފްއަކީ އިލްމުވެރިން ތިއްބެވި، އަދި މަގު ދައްކައިދޭނެ ލީޑަރުންތަކެއް ތިއްބެވި ޕާޓީއެއް ނުވަތަ ޖަމިއްޔާއެއް ކަމަށް ގަބޫލުކުރާ ކަމަށާއި ސަލަފު އުވާލަން ކުރާ މަސައްކަތަކީ މި ސަރުކާރުގައި ހުރި ދޯހަޅިކަން އިލްމުވެރިން ހާމަކޮށްދޭތީ ކުރާ މަސައްކަތެއް ކަމަށެވެ.