އާޖެންޓީނާގެ ފުރަތަމަ ޑިވިޝަންގެ ކްލަބު ޖިމްނޭސިއާގެ ކޯޗުކަމަށް އެނބުރި އައުމަށް އެކްލަބުގެ ސަޕޯޓަރުން ގޮވާލުމުން ޖިމްނޭސިއާގެ ކޯޗުކަމާ އަލުން މަރަޑޯނާ ހަވާލުވެއްޖެއެވެ.
މަރަޑޯނާ އިސްތިއުފާ ދިނުމާ ގުޅިގެން އެ ކްލަބުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ އޭނާ ކްލަބުގައި މަޑުކުރުމަށް ގޮވާލައި އަޑުއުފުލައިފައެވެ. ޖިމްނޭސިއާގެ ކޯޗުކަމާ އަލުން މަރަޑޯނާ ހަވާލުވެފައި މިވަނީ އޭނާ އިސްތިއުފާ ދިންތާ ދެ ދުވަސް ތެރޭގައެވެ.
ކުޅުންތެރިއެއްގެ ގޮތުގައި ފުޓުބޯޅައިގެ ތާރީހުގެ ތެރެއިން ޖާގަ ހޯދި މަރަޑޯނާގެ އިންސްޓަގްރާމް ޕޯސްޓެއްގައި ބުނީ ޖިމްނޭސިއާގެ ކޯޗެއްގެ ގޮތުގައި ކުރިއަށްދާނެ ކަމަށާއި ސިޔާސީ ހިޔާލު ތަފާތުވުންތައް ހަމައަކަށް އެޅިފައިވާ ކަމަށެވެ. އަދި ސަޕޯޓަރުންގެ މެސެޖުތަކަށް މަރަޑޯނާ ވަނީ ޝުކުރު އަދާކޮށްފައެވެ.
މީގެ ކުރިން ޖިމްނޭސިއާގެ ކޯޗުކަމުގެ މަގާމުން މަރަޑޯނާ އިސްތިއުފާ ދީފައިވަނީ އެކްލަބުގެ މިހާރުގެ ރައީސް ގެބްރިއަލް ޕެލެގްރީނޯ، ކުރިއަށްއޮތް އެކްލަބުގެ އިންތިހާބުގައި ވާދަނުކުރަން ނިންމުމާ ގުޅިގެންނެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި މަރަޑޯނާގެ ވަކީލު މަޓިއަސް މޯލާ ވިދާޅުވީ މަރަޑޯނާގެ ނިންމުން ބަދަލުކުރީ އެކްލަބުގެ ރައީސްކަމުގެ މަގާމަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުން، ހިޔާލު ތަފާތުވުންތައް އެއްފަރާތް ކުރާނެކަމުގެ ޔަގީންކަން ދިނުމާ ގުޅިގެން ކަމަށެވެ.
ރެލިގޭޝަނުން ސަލާމަތްކޮށްދިނުމަށް ޖިމްނޭސިއާގެ ކޯޗުކަމާ މަރަޑޯނާ ހަވާލުވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. މަރަޑޯނާގެ އިރުޝާދުގެ ދަށުން ޖިމްނޭސިއާ ކުޅުނު ފުރަތަމަ ތިން މެޗުން ބަލިވި ނަމަވެސް، އޭގެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުން ވަނީ މޮޅުވެފައެވެ. ޖިމްނޭސިއާ އަދިވެސް އޮތީ ރެލިގޭޝަން ޒޯނުގައެވެ.