މެކްސިކޯގައި 1986 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު އާޖެންޓީނާގެ ޑިއޭގޯ މަރަޑޯނާއަށް ދިން ރަން ބޯޅަ ނީލަމުގައި ވިއްކާލަން އިއުލާނުކޮށްފިއެވެ.
މަރަޑޯނާގެ ކެރިއަރުގައި އެންމެ ކާމިޔާބު މުބާރާތް، 1986 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ތަފާތު މޮޅު ކުޅުމެއް ދައްކައި ހޯދި ރަން ބޯޅަ ގެއްލުނު ކަމަށް ތަފާތު އެތައް ވާހަކައެއް ވަނީ ދެކެވިފައެވެ. އޭގެ ތެރެއިން އެއް ވާހަކައަކީ މަރަޑޯނާގެ ރަން ބޯޅަ މާފިއާއިން ވަގަށް ނަގައިގެން ރަން ވިރުވަން ބޭނުން ކުރި ކަމަށް ދެކެވޭ ވާހަކައެވެ.
މަރަޑޯނާގެ ރަން ބޯޅަ ނީލަން ކިޔަން ނިންމާފައިވަނީ ފްރާންސްގެ އޮކްޝަން ހައުސްއެއް ކަމަށްވާ އަގޫޓޭސްއިން ޖޫން މަހުގެ ހަވަނަ ދުވަހުއެވެ. އެ އޮކްޝަން ހައުސްއިން މަރަޑޯނާގެ ރަން ބޯޅަ ގެންގުޅޭތާ މިހާރު އަހަރެއް ވެދާނެ ކަމަށް އަގޫޓޭސްގެ މާހިރެއް ކަމަށްވާ ފްރޭންކޮއިސް ތިއެރީ ބުނެފައިވެއެވެ.
ތިއެރީ ބުނީ އަގޫޓޭސްއިން މަރަޑޯނާގެ ރަން ބޯޅަ ގަތީ ނަން ހާމަކުރަން ބޭނުން ނުވާ ފަރާތެއް އަތުން ކަމަށެވެ. ނަން ހާމަކުރަން ބޭނުންނުވާ ފަރާތުން އެ ބޯޅަ ގަތީ 2016 ވަނަ އިންޓަނެޓްގައި ވިއްކާލަން އުޅެނިކޮށެވެ. އޭނާ މަރަޑޯނާގެ ރަން ބޯޅަ ގަތީ އެއީ ހާއްސަ އަގުބޮޑު އެއްޗެއްކަން ނޭނގި ކަމަށްވެސް އަގޫޓޭސްގެ ފަރާތުން ތިއެރީ ބުނެފައިވެއެވެ.
އަގޫޓޭސްއިން ބުނެފައިވަނީ ނީލަމުގައި ވިއްކާލަން ނިންމާފައިވަނީ އަސްލު ރަން ބޯޅަކަން ޔަގީންކުރަން ހަދަން ޖެހޭ ހުރިހާ ޓެސްޓެއް ހަދައި، ޔަގީން ކޮށްފައިވާ ކަމަށެވެ. އަދި އެ އަހަރު ވޯލްޑް ކަޕަށް ރަން ބޯޅަ އުފެއްދި މީހާއާވެސް ވާހަކަ ދައްކާ މައުލޫމާތު ސާފުކޮށްފައިވާނެ ކަމަށްވެސް އަގޫޓޭސްއިން ބުނެފައިވެއެވެ.
އަގޫޓޭސްއިން ބުނީ މަރަޑޯނާގެ ރަން ބޯޅަ މިލިއަނުން އަގުކުރެވޭނެ ކަމަށް ބެލެވޭ ކަމަށެވެ. 1986 ވަނަ އަހަރު އާޖެންޓީނާއިން ވޯލްޑް ކަޕް ނެގި އިރު، އެފަހަރު ކުއާޓާ ފައިނަލްގައި މަރަޑޯނާ އިންގްލެންޑާ ދެކޮޅަށް ޖެހި ދެ ގޯލަކީ ވޯލްޑް ކަޕްގައި އެންމެ މަގުބޫލު ދެ ގޯލެވެ. ހިތްގައިމު ގޯލެއްގެ އިތުރުން އަތުން ޖެހި ގޯލެއްވެސް އެ މެޗުގައި ފެނުނު އިރު، އެ މެޗު ކުޅުނު ބޯޅައާއި މަރަޑޯނާ އެ މެޗުގައި ލި ޖާޒީވެސް މިލިއަނުން އަގުކޮށް ނީލަމުގައި ވަނީ ވިއްކާލައިފައެވެ.
ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ މަރަޑޯނާ ދުނިޔެ ދޫކޮށްފައިވަނީ 2020 ވަނަ އަހަރުއެވެ.