ހައްޖު ކޯޕަރޭޝަން

ފައިސާ ދެއްކި އެންމެން ހައްޖަށް ގެންދާނެ ފައިސާ އެބަހުރި: ހައްޖު ކޯޕަރޭޝަން

ޝަހީދާ އަބްދުﷲ ސައީދު

2

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަރަދުގައި ހައްޖަށް ދިއުމަށް ފައިސާ ދެއްކި ހުރިހާ ފަރާތްތައް ހައްޖަށް ގެންދާނެ ފައިސާ އެބަހުރި ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފިއެވެ.

ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ހައްޖަށް ދިއުމަށް ބޭނުންވާ ފަރާތްތަކުން ހައްޖު ކޯޕަރޭޝަނަށް ދެއްކި ފައިސާ، އެކޯޕަރޭޝަނުން ބޭނުންކޮށްފައިވާ ކަމަށް ބުނެ، ޓަރާންސިޝަން ކޮމެޓީން ދެއްކި ވާހަކަތަކާއި ގުޅިގެން ހައްޖު ކޯޕަރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހައްޖަށް ދާން ދެއްކި ފައިސާ އެކޯޕަރޭޝަނުގެ އެކަމަށް ޚާއްސަ އެކައުންޓެއްގައި އެބަހުރި ކަމަށެވެ. އަދި އެފައިސާ އިން ހައްޖަށް މީހުން ފޮނުވުމަށް ހިނގާ ހަރަދު ފިޔަވައި އެހެން އެއްވެސް ހަރަދެއް ކުރަމުން ނުދާކަމަށް އެކޯޕަރޭޝަންގެ ބަޔާނުގައި ވެެއެވެ.

ފާއިތުވެ ދިޔަ ފަސް އަހަރުގެ ތެރޭގައި ހައްޖަށް ދިއުމަށް ކުރަންޖެހޭ ހަރަދުތައް ބޮޑުވި ނަމަވެސް، އެކުންފުނިން މީހުން ހައްޖަށް ގެންގޮސްފައިވަނީ އެއް އަގެއްކަމަށް ބަޔާނުގައި ވެއެވެ. އަދި ނަގަމުންދާ އަގު ތަކަކީ އެކަމަށް ހިނގާނެ ހަރަދުތައް ދެކޮޅު ޖެއްސޭނެ އަގު ތަކަކަށް ނުވާތީ، އެކަން ސަރުކާރާ ހިއްސާ ކުރަމުން ދާކަމަށް ބަޔާނުގައިވެއެވެ.

ބަޔާނުގައި ބުނެފައި ވަނީ އެކުންފުނީގެ ހަރަދުގައި ހައްޖަށް ދިއުމަށް ފައިސާ އެއްކޮށް ދައްކާފައިވަނީ 1817 މީހުން ކަމަށާއި، އެ އެންމެންނަށް ހައްޖަށް ދެވޭނެ ފައިސާ އެކުންފުނީގައި އެބަހުރި ކަމަށެވެ. އަދި އެކުންފުންޏަކީ ގަވާއިދުން އޮޑިޓްކޮށް ބަލަމުންދާ ކުންފުންޏެއް ކަމަށާއި، ކޮރަޕްޝަނަށް މަގުފަހިވާނެ އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް ބަޔާނުގައި ބުނެއެވެ.

މީގެއިތުރުން އެކުންފުނިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ހައްޖު ކޯޕަރޭޝަންގެ ފަރާތުން ހައްޖަށް ގެންދިޔަ މީހުންގެ ތެރެއިން ހަމައެކަނި ފައިސާ ނުލިބިވާ ފަރާތަކީ ''މަލީޝާ'' ޖަމާއަތުގެ އެހީގައި ހައްޖަށް ދާން ފައިސާ ދެއްކި މީހުންނަށް ހައްޖަށް ނުދެވުމުގެ ސަބަބުން އެމީހުން ފޮނުވުމަށް ސަރުކާރުން އެދިގެން އެކުންފުނީގެ ހަރަދުގައި ހައްޖަށް ގެންދިޔަ ފަރާތްތަކަށް ސަރުކާރުން ދޭންޖެހޭ ފައިސާ އާއި، ސަރުކާރުގެ ދެކުންފުންޏަކުން ހައްޖު ކޯޕަރޭޝަންގެ ހަރަދުގައި ހައްޖަށް ފޮނުވާފައިވާ ފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ކަމަށެވެ.

ހައްޖު ކޯޕަރޭޝަނުން މި ގޮތަށް ބަޔާން ނެރެފައިވާ އިރު ޓްރާންސިޝަން ކޮމިޓީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައިވަނީ ކުރިއަށް އޮތް އަހަރު ތަކުގައި ހައްޖަށް ދިޔުމަށް އެ ފަންޑަށް ރައްޔިތުން ޖަމާކޮށްފައިވާ ފައިސާއިން 30 މިލިއަނެއްހާ ރުފިޔާ ނަގާ ހޭދަކޮށްފައިވާ ގޮތުގެ މައުލޫމާތެއް ހައްޖު ކޯޕަރޭޝަނުން ނުލިބޭ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟