އިބްރާހިމް ޒަކީ
މިއަދު ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެމްޑީޕީގެ ނާއިބު ރައީސް ކަމުގެ އިންތިހާބު އެޕާޓީގެ މިހާރުގެ ވެސް ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒު ކާމިޔާބު ކޮށްފިއެވެ.
މިއަދު 2:00 އިން ފެށިގެން މިރޭ 7:00 ގެ ނިޔަލަށް އިންތިހާބުގެ ވޯޓުނެގުން ކުރިއަށް ދިޔައިރު، ނައިބު ރައީސް ކަމުގެ މަގާމަށް ޝިފާޒާ ވާދަ ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ.
މިހާތަނަށް ގުނައި ނިމި ނަތީޖާ ލިބިފައިވާ ވޯޓު ފޮށިތަކަށް ބަލާއިރު، ޝިފާޒު އިންތިހާބު ކާމިޔާބު ކޮށްފައިވަނީ، ވޯޓުލީ މީހުންގެ 50.75 ޕަސެންޓް ކާމިޔާބު ކުރައްވައިގެންނެވެ. އަސްލަމަށް ލިބިވަޑައިގަތީ 49.25 ޕަސެންޓް ވޯޓެވެ.
އެމްޑީިޕީން ބުނެފައިވާ ގޮތުގައި، މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 87,439 މީހުންނަށް ލިބިފައިވެއެވެ.
އެމްޑީޕީގެ އޮފިޝަލަކު ވިދާޅުވީ، މައްސަލަ ޖެހިފައިހުރި ބައެެއް ވޯޓުތައް ސާފު ކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާތީ، މިހާރު އޮތް ނަތީޖާއަށް ފަރަގު ތަކެއް އައިނަމަވެސް ނަތިޖާ ބަދަލުވާވަރުގެ މައްސަލައެއް ކުރިމަތި ނުވާނެ ކަމަށެވެ.