ރައްޔިތުންގެ މަޖިލީހުގެ ފަރެސް މާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފު އިދިކޮޅު ޕީޕީއެމްއާ ގުޅި ވަޑައިގެންފިއެވެ.
މެންބަރު ޕީޕީއެމާ މި ގުޅި ވަޑައިގެންނެވީ ދެވަނަ ފަހަރަށެވެ.
ހުސެއިން މުހައްމަދު ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހިމެނި ވަޑައިގެންނެވީ ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައެވެ. ނަމަވެސް މިހާރު އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފަރެސް މާތޮޑާ ދާއިރާގެ ގޮނޑި ހުސެއިން މުހައްމަދު ލަތީފު ކާމިޔާބު ކުރެއްވީ އަމިއްލަ މެންބަރެއްގެ ގޮތުގައެވެ.
ހުސެއިން މުހައްމަދު ލަތީފު ޕީޕީއެމާ ގުޅި ވަޑައިގެންފައިވަނީ ހިބަރު ވަދުގެ ނަމުގައި އެ ޕާޓީން މިރޭ ކުރިއަށްގެންދާ ޖަލްސާގައެވެ.
އެ ޖަލްސާގައި ވާހަކަ ދެއްކެވުމަށް ޕޯޑިއަމަށް ވަޑައިގެންނެވުމަށްފަހު ހުސެއިން މުހައްމަދު ލަތީފު ވަނީ ވާހަކަ ފައްޓަވާނީ ސަޕްރައިޒަކުން ކަމަށް ވިދާޅުވެ، ރައީސް ޔާމީނަށް ސްޓޭޖަށް ދައުވަތު ދެއްވައި އޭނާ ޕީޕީއެމާ ގުޅިވަޑައިގެންނެވި ފޯމު ވަނީ ރައީސް ޔާމީނާ ހަވާލު ކުރައްވައިފައެވެ.