އިބްރާހިމް ޒަކީ
ނައިބު ރައީސަކު ހޮވަން ކުރިއަށް ގެންދާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި، ވޯޓުލާން ނިކުތް މީހުން ގިނަވުމުގެ ސަބަބުން ވޯޓު ލުން އެއްގަޑިއިރަށް އިތުރު ކޮށްފިއެވެ.
މިއަދު 2:00 ގައި ވޯޓުލުން ފެށިއިރު، ވޯޓުލުން ނިންމާލުމަށް ހަމަޖައްސާފައި އޮތީ، 6:00 އަށެވެ. ނަމަވެސް މިހާރު ވޯޓު ލާން ކިއުގައި ޖެހެވޭނެ އެންމެ ފަހު ގަޑިއަކީ 7:00 ކަމަށް ވަނީ ހަމަ ޖައްސައިފައެވެ.
އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީގެ މުގައްރިރު މުހައްމަދު އިބްރާހިމް މަނިކު ވިދާޅުވީ، ވޯޓު ލުމުގެ މުއްދަތު އިތުރު ކުރީ މި އިންތިހާބުގައި އެންމެގިނަ ވޯޓު ފޮށި ބަހައްޓާފައި ހުރި އިސްކަންދަރު ސްކޫލް ހޯލަށް ވޯޓުލާން ގިނަ ބަޔަކު އަންނަމުން ދިއުމާއި، ރެޖިސްޓްރީއަށް ދިމާވި ކުޑަ މައްސަލައެއް ހައްލު ކުރުމަށް ފަހުގައި ކަމަށެވެ.
އޭނާ ވިދާޅުވީ ހަތެއްް ޖެހުމުން ކިއުތަކުގެ އެންމެ ފަހަތަށް އޮފިޝަލެއް ވަންނާނެ ކަމަށާއި 7:00 އަށް ކިއުއަށް އަރާ އެންމެނަށް ވޯޓު ލުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
މަނިކު އިތުރަށް ވިދާޅުވީ، ވޯޓުލުން އެއްގަޑިއިރަށް އިތުރު ކުރުމުން ވޯޓު ގުނައި ވަގުތީ ނަތީޖާ އިއުލާން ކުރުންވެސް އެއް ގަޑިއިރަށް ފަސް ވެގެންދާނެ ކަމަށެވެ. އެގޮތުން މިރޭ 9:00 ގައި ވަގުތީ ނަތީޖާ އިއުލާން ކުރުމަށް ކުރިިން ހަމަޖެހިފައި އޮތް ނަމަވެސް މިހާރު ނަތީޖާ އިއުލާން ކުރެވޭނީ 10:00 ގައި ކަމަށް މަނިކު ވިދާޅުވިއެވެ.
މަނިކު ވިދާޅުވީ މިރޭ ވަގުތީ ނަތިޖާ އިއުލާން ކުރުމަށްފަހު، ތިން ދުވަސް ތެރޭގައި ދާއިމީ ނަތީޖާ އިއުލާން ކުރާނެ ކަމަށެވެ.
"އިންތިހާބާބެހޭ ގޮތުން ހުށަހަޅާ މައްސަލަތައް ބަލައި ނިންމުމަށްފަހު ތިނިް ދުވަސް ތެރޭގައި ނަތީޖާ އިއުލާން ކުރެވިގެންދާނެ،" މަނިކު ވިދާޅުވިއެވެ.
މި ފަހަރުގެ އިންތިހާބުގައި ވެސް އެމްޑީޕީގެ ރައީސް ކަމަށް ކުރިމަތި ލައްވާފައިވަނީ ވޭތުގެ ދިޔަ ދައުރުގައި ވެސް އެ ޕާޓީގެ ރައީސްގެ ގޮތުގައި ހުންނެވި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އެމަނިކުފާނާ އެއްވެސް ބޭފުޅަކު ވާދައެއް ނުކުރައްވައެވެ.
ނަމަވެސް ނައިބު ރައީސްގެ މަގާމަށް ދެބޭފުޅުން ގެންދަވަނީ ވާދަ ކުރައްވަމުންނެވެ.
އެއީ އެޕާޓީގެ މިހާރުގެ ވެސް ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒާއި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ.
މި އިންތިހާބުގައި 87،439 މެންބަރުންނަށް ވޯޓު ކުރުމުގެ ހައްގު ލިބިފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ.