އިސްލާމް ދީނުގެ ނަމުގައި ހިންގާ ހައްދުފަހަނަ އަޅާފައިވާ އަމަލުތަކާއި އިސްލާމްދީނުގެ ހައްގު ދައުވަތުގެ މަސައްކަތް އެއީ އެއް ކަމެއްގެ ގޮތުގައި ދައްކަން މަސައްކަތް ކުރުމަކީ ގޯހެއް ކަމަށް، ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް ޝެއިހު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިމްރާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިސްލާމް ދީނުގެ ސައްހަ އަގީދާ ބަޔާންކޮށް، އިލްމު ފެތުރުމަކީ ދީނީ އިލްމުވެރިންގެ މަސްއޫލިއްޔަތެއް ކަމަށާއި ނަމަވެސް ދީނީ ހައްގު ދައުވަތު ދިނުމާއި ދީނުގެ ނަމުގައި ހައްދުފަހަނަ އަޅައިގެން ދިއުމަކީ މުޅިން ދެކަމެއް ކަމަށެވެ.
އިމްރާންގެ ޓުވީޓުގައި ވިދާޅުވީ "އިސްލާމް ދީނުގެ ނަމުގައި ހިންގާ ހައްދުފަހަނަ އަޅާފައިވާ އަމަލުތަކާ، އިސްލާމް ދިނުގެ ހައްގު ދައުވަތުގެ މަސައްކަތް އެއީ އެއް ކަމެއްގެ ގޮތުގައި ދައްކަން މަސައްކަތް ކުރުމަކީ ވަރަށްބޮޑު ގޯހެއް." ކަމަށެވެ.
މިނިސްޓަރު އިމްރާން މިފަދައިން ވިދާޅުވެފައި ވާއިރު، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ރ. އުނގޫފާރު، ގުލްފާމުގޭ ޑރ. އަފުރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައާ ގުޅިގެން މަރު ކޮމިޝަނުން އެކުލަވާލި ރިޕޯޓާ ގުޅިގެން ސަލަފް ޖަމިއްޔާއާ ދޭތެރޭ ފިޔަވަޅު އަޅަން މަޖިލީހަށް ހުށަހަޅަން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ވަނީ ނިންމާފައެވެ.
މަރު ކޮމިޝަންގެ ރިޕޯޓުގައި ވަނީ އެކި ދުވަސް މަތިން ޑރ. އަފްރާޝީމާ މެދު މީހުންގެ ހިތްތަކުގައި ނަފްރަތު އުފައްދަން ސަލަފް ޖަމިއްޔާއިން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެގޮތުން މިކަމާ ގުޅިގެން ސަލަފް ޖަމިއްޔާއަކީ ޓެރަރިޒަމާ ގުޅޭ ޖަމާއަތެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ވަނީ ކަނޑައަޅައިފައެވެ.