ޕީޕީއެމް މައްސަލައިގެ ހުކުމް އިއްވުމަށް މިރޭ ބާއްވަން ނިންމި އަޑުއެހުން ހައި ކޯޓުން ކެންސަލް ކޮށްފިއެވެ.
ޕީޕީއެމް އިން މިދިޔަ މަހުގެ މަހުގެ 28 ވަނަ ދުވަހު ބޭއްވި ކޮންގްރެސްގައި ނިންމި ނިންމުންތައް އިލެކްޝަންސް ކޮމިޝަނުން ބަލައިނުގެން މައްސަލައާ ގުޅިގެން ހައިކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ މި މަހުގެ ހަތަރެއްގައެވެ.
ހައިކޯޓަށް ހުށަހެޅި މައްސަލައިގައި އެޕާޓީން އެދިފައިވަނީ ޕާޓީގެ ކޮންގްރެސްގެ ނިންމުންތައް ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށާއި އަދި އެ ޖަލްސާގައި ފާސްކުރި، ޕާޓީގެ އަސާސީ ގަވާއިދާއި މަގާމުތަކަށް އިންތިޚާބު ކުރި ފަރާތްތައް ޕާޓީގެ ދަފްތަރުގައި ހިމެނުމަށް އަމުރުކޮށް ދިނުމަށެވެ.
އަދި އެ މައްސަލައިގެ އަޑުއެހުންތައް މި މަހުގެ ފަހެއްގައި ފަށާފައިވާއިރު އަންގާރަ ދުވަހު ވަނީ އަޑުއެހުމެއް ބާއްވައިފައެވެ. އަދި ކުރިއަށް އޮތް އަޑުއެހުމުގައި އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ހުކުމް އިއްވުމަށް ވަނީ ކޯޓުން ނިންމާފައެވެ. މިރޭގެ އަޑުއެހުން ކެންސަލްކުރި ވަކި ސަބަބެއް ހާމައެއް ނުކުރެއެވެ.
ޕީޕީއެމްގެ ކޮންގްރެސްގެ ނިންމުންތައް އީސީ ބަލައިނުގަތުމަށް ނިންމި އިރު، ކޮންގްރެސް ހުއްޓުވައި ދިނުމަށް އެދި އެޕާޓީގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން 27 ނޮވެމްބަރު 2018ގައި އީސީއަށް ވަނީ ހުށަހަޅާފައެވެ. ނަމަވެސް އީސީން އޭރު ބުނެފައިވަނީ ކޮންގްރެސް ހުއްޓުވަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. ޕީޕީއެމްގެ ހިންގުން ސިވިލް ކޯޓުގެ ހުކުމަކުން ރައީސް ޔާމީންއާ ހަވާލުކޮށްފައިވަނީ 16 އޮކްޓޯބަރު 2016 އެވެ.