ޚަބަރު

ހެޔޮގޮތުގައި ޗުއްޓީގެ ބޭނުން ހިފުމަށް ހުތުބާގައި ގޮވާލައިފި

އާނިފާ ހުސެއިން ސިރާޖް

އަހަރުގެ ބޮޑު ޗުއްޓީ މިހާރު ފެށިފައި ވާއިރު، ޗުއްޓީގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފިއެވެ.

މިއަދުގެ މުޅި ހުތުބާ ޗުއްޓީގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ބިނާކޮށްފައި ވާއިރު، ޗުއްޓީ އަކީ ބޭނުންވާ ލަނޑުދަނޑިތަކަށް ވާސިލުވުމަށްޓަކައި މަސައްކަތް ކުރުމަށް ލިބޭ އަގުހުރި ވަގުތުކޮޅެއް ކަން ހުތުބާގައި ފާހަގަ ކުރައްވާފައިވެއެވެ.

ވަގުތަކީ އިންސާނާގެ ހަޔާތުގައި ވަރަށް މުހިންމު ބަހާއެއްކަން ފާހަގަކުރައްވައި، މި ލިބޭ ޗުއްޓީގެ ދުވަސްތަކުގައި ބޭޏުންތެރި އަދި ފައިދާ ކުރަނިވި ކޮންމެވެސް މަސައްކަތެއް ދަސްކުރުމަށް ސަމާލުކަން ދިނުމަށް މިއަދުގެ ހުތުބާ ގައި ވަސިއްޔަތްކޮށްފައި ވެއެވެ. ރަށުގައި ކުރެވެން ހުރީ ކޮން މަސައްކަތެއްތޯ ބަލައި، ދަސްކޮށް އެ މަސައްކަތަކަށް އަހުލުވެރި ވުމަށްވެސް ހުތުބާގައި ވަނީ ގޮވާލައިފައެވެ.

އެގޮތުން ޝައިތާނާގެ ގޮވާލުންތަކުގެ ތެރޭގައި ހިމެނޭ ހަވާ ނަފްސުގެ ނުބައި އެދުންތަކަށް ހެއްލި، ބޭކާރު ކަންތައްތަކާއި ބޭކާރު ވާހަކަ ދެއްކުމުގައި ވަގުތު ނަގާލުމުގެ ބަދަލުގައި އިސްލާމްދީން ހުއްދަކުރާ އަދި ދުނިޔެވީ ގޮތުން ފައިދާ ކުރަނިވި ކޮންމެވެސް ހުނަރެއް ކުރިއެރުވުމަށް ނުވަތަ އެފަދަ މަސައްކަތެއް ކުރުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

ދަރިންނަކީ މައިންބަފައިންނަށް ހަވާލު ކުރައްވާފައިވާ އަމާނާތަކަށްވާއިރު، ޗުއްޓީ ތެރޭގައި ވެސް އެ އަމާނާތުގެ މަތިން ހަނދާން ނައްތާނުލުމަށާއި މައިންބަފައިންނަކީ މަސްއޫލިއްޔަތު ތަކާއި ޒިންމާތަކެއް ހަވާލު ކުރެވިފައިވާ ބައެއް ކަމާއި ދަރިން ތަރުބިއްޔަތު ކުރުމަށް މައިންބަފައިން ކުރަނީ ދަރުމަހުރި ޖިހާދެއް ކަމުގައި ހުތުބާގައި ބުންޏެވެ.

މީގެ އިތުރުން، ޒުވާންކަމުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށާއި ނުރަނގަޅު އެކުވެރިން އިޙްތިޔާރު ނުކުރުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ. އެހެނީ އެފަދަ އެކުވެރިން މަސައްކަތް ކުރާނީ މުންކަރާތްތަކަކީ ރަނގަޅު ކަންތައް ކަމުގައި ދެއްކުމަށް ކަމުގައި ހުތުބާގައި ބުނެފައިވެއެވެ.