ޚަބަރު

އެންމެ ހިތްހަމަޖެހޭކަަމަކީ ހަމަޖެހުމާއި ސުލްހަ އާއެކު ރައްޔިތުންނަށް ބިރެއްނެތި އުޅެވޭނެގޮތް ހަމަޖެއްސުން: ރައީސް

އިބްރާހިމް ޒަކީ

ސަރުކާރަށް އަހަރު ދުވަސް ފުރިގެން ދިޔައިރު އެންމެ ހިތްހަމަ ޖެހިވަޑައިގަންނަވަނީ، ހަމަޖެހުމާއި ސުލްހަ އާއެކު ބިރެއްނެތިރައްޔިތުންނަށް އުޅެވޭނެގޮތް ހަމަޖައްސަވައި ދެއްވުން ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރައީސާއި ނާއިބު ރައީސް އިންތިހާބު ކުރުމަށް މިއަދު ކުރިއަށްދާ އިންތިހާބުގައި ވޯޓު ލެއްވެވުމަށްފަހު، އެމަނިކުފާނުގެ ރިޔާސީ ދައުރުގެ ފުރަތަމަ އަހަރު ވޭތުވެގެންދިޔަ ގޮތާމެދު ރާއްޖެ ޓީވީގެ ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ރިޔާސީ ފުރަތަމަ އަހަރުގެ މަސައްކަތްތަކާމެދު ހިތްހަމަ ޖެހިވަޑައިގަންނަވާ ކަމަށެެވެ.

"އަޅުގަނޑަށް ވޭތުވެދިޔަ އަހަރު ދުވަހުގެ ތެރޭގައި ކުރެވުނު މަަސައްކަތްތަކުގެ ތެރެއިން އެއްމެ ބޮޑަށް އަޅުގަނޑު ހިތްހަމަ ޖެހޭކަމަކީ، ހަމަޖެހުމާއި ސުލްހަ އާ އެކީގައި ރާއްޖޭގައި، ރައްޔިތުންނަށް ބިރެއްނެތި އުޅެވޭނެ ގޮތް އަޅުގަނޑުމެންނަށް ހަދައި ދެވުނުކަން. އިރާދަ ކުރެއްވިއްޔާ އެކަ މިވޭތުވި އަހަރު ދުވަހުގެ ތެރޭގައި ވަރަށް ސާފުކޮށް ހުރިހާ ރައްޔިތުންނަށް ފެނިގެންދާނެ،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އަހަރު ފެށިގެން އައީ ވަރަށް ބޮޑެތި ހުރަސްތަކާއި ގޮންޖެހުންތަކާއެކު ކަމަށެވެ.

އެގޮތުން ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިއިރު، ކުރީގެ ސަރުކާރުގެ އޮޅުން ބޮޅުންތަކެއް ހުރި ވަރަށްގިނަ ކަންތަކެއް ހިމެނޭ ކަމަށާއި، ބައެއް އެގްރީމެންޓްތައް ހުރީ އޭގެ އެންމެ ރަނގަޅު ގޮތުގައްނޫން ކަމަށެވެ.

"މިސާލަކަށް ބަލާކަމަށްވަަންޏާ އިންތިހާބާ ކައިރި ވެގެން އައި އިރުގައި އަތޮޅު ތަކުގެ ރައްރަށުގައި ހަދަން ނިންމާފައި ހުރި ފުޓްސަލް ދަނޑުތަކަށް އެކަނި ބަލައިލިޔަސް، ބައެއް ރަށްރަށަށް ގެންގޮސް އެ އެއްޗެހި ބެއިލުމުގައި ވަކި ބައެއްގެ، ބެލުމުގެ ދަށުން ނޫން ގޮތަކަށް ދޫކޮށްލައިފަހުރި އެތައް ރަށެއްހުރި. އެހަކަލަ ކިތަންމެ ކަމެއް، މިދެންނެވީ ކުޑަކުޑަމިސާލެއް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ ހުރިހާކަމެއް ހަމަޔަކަށް އަޅުވައި، އިންތިޒާމު ކޮށްގެން މަސައްކަތް ފަށައިގެން މިވީ އަހަރު ދުވަހުގެ ތެރޭގައި ރަނގަޅު ހިސާބަކަށް އާދެވިއްޖެ ކަމަށްގަބޫލު ކުރައްވާ ކަމަށެވެ.

ރައީސް ވިދާޅުވީ، ކުރިއަށްއޮތް އަހަރު ވަރަށްބޮޑު ތަފާތެއް އަނެއްކާ ވެސް ފެނިގެން ދާނެ، ކަމެއް ކަމަށެވެ.