މިހާރު ކުރިއަށްދާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހަމަ ދެންމެ ވޯޓު ލައްވައިފިއެވެ.
ކިއުގައި ޖެހިވަޑައިގެން ކިއު ތަރުތީބުން އެމަނިކުފާނު ވޯޓު ލެއްވީ އިސްކަންދަރު ސްކޫލްގަިއ ހުރި ވޯޓު ފޮއްޓަށެވެ.
އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީ ފިޔަވައި މާލެ އާއި އެހެން އަތޮޅުތަކުގެ އެމްޑީޕީގެ މެންބަރުން ވޯޓް ލާންޖެހޭ ވޯޓު ފޮށިތައް ހުންނަނީ އިސްކަންދަރު ސްކޫލްގައެވެ.
އެމްޑީޕީގެ އިންތިހާބުގައި މިއަދު ވޯޓުލާން ފަށާފައި ވަނީ މިއަދު 2:00 ގައެވެ.
މި އިންތިހާބަކީ އެމްޑީޕީގެ ރައީސް އާއި ނާއިބު ރައީސް ހޮވަން ބާއްވާ އިންތިހާބެކެވެ.
މި ފަހަރުގެ އިންތިހާބުގައި ވެސް އެމްޑީޕީގެ ރައީސް ކަމަށް ކުރިމަތި ލައްވާފައިވަނީ ވޭތުގެ ދިޔަ ދައުރުގައި ވެސް އެ ޕާޓީގެ ރައީސްގެ ގޮތުގައި ހުންނެވި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އެމަނިކުފާނާ އެއްވެސް ބޭފުޅަކު ވާދައެއް ނުކުރައްވައެވެ.
ނަމަވެސް ނައިބު ރައީސްގެ މަގާމަށް ދެބޭފުޅުން ގެންދަވަނީ ވާދަ ކުރައްވަމުންނެވެ.
އެއީ އެޕާޓީގެ މިހާރުގެ ވެސް ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒާއި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ.
އެމްޑީގެ އިންތިހާބީ ކޮމިޓީން ބުނީ، 2:00 އިން ފެށިގެން 6:00 އަށް ވޯޓުލުން ކުރިއަށްދާނެ ކަމަށެވެ.
މި އިންތިހާބުގައި 87،439 މެންބަރުންނަށް ވޯޓު ކުރުމުގެ ހައްގު ލިބިފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ.
އެމްޑީޕީން ބުނީ މިއިންތިހާބުގައި، އެމްޑީޕީގެ ހަރުގެ ހުންނަ ހުރިހާ ރަށެއްގައި ވޯޓުލުން ކުރިއަށް ގެންދާނެއެވެ. މީގެ އިތުރުން ސްރީލަންކާގައި ދިރިއުޅޭ އެމްޑީޕީގެ މެންބަރުންނަށް އެ ކޮލަންބޯގައި ވެސް ވަނީ ވޯޓު ފޮއްޓެއް ބަހައްޓައިފައެވެ.